ފީފާ ފްޓްސެލް ވޯލްޑް ކަޕްގެ ފައިނަލް މެޗް މިރޭ އައިސް ޕްލަސް އިން ލައިވްކޮށް ދައްކާނެ އެވެ.

މިރޭ އޮންނަ ފައިނަލް މެޗްގައި ބައްދަލުކުރަނީ ސައުތު އެމެރިކާގެ ވަރުގަދަ ދެ ޓީމުކަމަށްވާ އާޖެންޓީނާއާއި ބްރެޒިލް އެވެ. މުބާރާތުގެ ފަހުރުވެރި ޓްރޮފީ ކާމިޔާބުކުރުމަށް ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ދައްކާނެކަމަށް ބެލެވެ އެވެ.

އާޖެންޓީނާއިން ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވަނީ ފްރާންސާއެކު ކުޅެ ވަރަށް ހަނިގޮތަކަށް 2-3 ގެ ނަތީޖާއަކުންނެވެ. ބްރެޒިލްވެސް ހަމަ މިނަތީޖާއާއެކު ފައިނަލަށް ދަތުރުކުރީ ޔޫކްރޭން އާ ދެކޮޅަށް ކުޅެގެނެވެ. 2016 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އާޖެންޓީނާއިން މިފަހަރު އެ ނުކުންނަނީ 2021 ވަނަ އަހަރުގެ ފައިނަލުން ބަލިވުމުން ކުޅުން ވަރުގަދަކޮށްގެނެވެ. ބްރެޒިލް ވޯލްޑް ކަޕް ފައިނަލުގައި ކުޅުމަށް އެ ނުކުންނަނީ 12 އަހަރަށް ފަހު އެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މި އަހަރުގެ ކޮންމެބޯލް ކޮޕާ އެމެރިކާ ފުޓުސެލް ފައިނަލް މެޗުންނެވެ. އެ މެޗުގައި ބްރެޒިލް 2-0 އިން މޮޅުވި އެވެ. މިފަހަރު އާޖިންޓީނާއިން ތިބީ މިކަން ބަދަލުކޮށް މުބާރާތް ކާމިޔާބުކުރުމަށް އަޒުމުކަނޑައަޅައިގެނެވެ.

މިހާތަނަށް މި ދެ ޓީމުން ބައްދަލުކުރި 10 މެޗުގައިވެސް ވަނީ ވަރަށް އެއްވަރުގެ ކުޅުމެއް ދައްކާފަ އެވެ. އޭގެތެރެއިން އާޖެންޓީނާ ތިން ފަހަރު މޮޅުވިއިރު، ބްރެޒިލްވެސް ތިން މެޗު ކާމިޔާބު ކުރި އެވެ. ބާކީ ހަތަރު މެޗުންވެސް ދެ ޓީމް ވީ އެއްވަރެވެ.

އައިސް ނެޓްވޯކުންވަނީ ފީފާ ފުޓުސެލް ވޯލްޑް ކަޕް 2024 މުބާރާތުގެ ހުރިހާ މެޗެއްވެސް ލައިކޮށް ގެނެސްދީފަ އެވެ. މިރޭގެ ފައިނަލް މެޗުވެސް އައިސް ޕްލަސްއިން ދައްކާނެކަމަށް މީޑިއާނެޓުން ބުނެ އެވެ.