ރާއްޖޭ އަށް އިންޑިއާގެ ރުޕޭ ކާޑުގެ ހިދުމަތް ތައާރަފުކޮށް އެ ކާޑު ބޭނުން ކޮށްގެން ފުރަތަމަ ޕޭމަންޓު މިއަދު ހަދައިފި އެވެ.

ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތަށް ފަހު ވަނީ ރުޕޭ ކާޑުގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފަ އެވެ. ރާއްޖޭގައި، އެ ޓްރާންސެކްޝަން ހެދީ އޮތެންޓިކް މޯލްޑިވްސް ފިހާރައެއްގަ އެވެ.

ރުޕޭގެ ޚިދުމަތް އިންޑިއާގައި ތައާރަފް ކުރީ 2012 ވަނަ އަހަރު އެވެ. ރުޕޭ އަކީ އެކި ގައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން އިފުތިތާހު ކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ގޭޓްވޭއެކެވެ.

ރުޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ދެވޭ ގޮތް މި ހެދީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް އިންޑިއާގައި ދިރިއުޅެމުން އަންނައިރު ރުޕޭ ކާޑު ބޭނުންކޮށްގެން ދެ ގައުމުގައި ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބޭނެ އެވެ.