ގިނަ ކުޑަދިންނާއި ބޮޑެތި މީހުންގެ ލޯބި ލިބިފައިވާ ރޮބޯމޭން ކެރެކްޓާގެ މައްޗައް ތައްޔާރުކޮށްފައިވާ ފިލްމު "ރޮބޯމޭން – ދަ މޫވީ" ވަނީ ސެޕްޓެމްބަރު 26 އިން ފެށިގެން ފަހެއް އޮކްޓޫބަރާ ހިސާބަށް އޮލިމްޕަސް ސިނަމާގައި އަޅުވާފަ އެވެ.

ބޮޑު ތަރުޚީބެއް ލިބިގެންދިޔަ މި ފިލްމު ބަލާލުމަށް ކުދިވެރިންނާއި އާއިލާ އެންމެން ގޮސް އޮލިމްޕަސް ފުރާލި އެވެ. ގިނަ ހައުސް ފުލް ޝޯވްތަކަކަށްފަހު އޮކްޓޫބަރު ފަހެއްގައި މި ފިލްމު ސިނަމާއިން ނެގިއިރު މި ފިލްމު ބަލާނުލެވި ދިޔަ ފަރާތްތަކެއް ވެސް ދިޔަ އެވެ. ދުވަސްކޮޅަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ތިބީ ވެރިރަށް މާލެއިން ބޭރުގަ އެވެ.

ހާސްވާނެކަމެއް ނެތެވެ!

ބެލުންތެރިންގެ އެދުމުގެ މަތިން ރޮބޯމޭން – ދަ މޫވީގެ ހާއްސަ 2 ޝޯވް އަނެއްކާ ވެސް އޮލިމްޕަސް ސްކްރީނުގައި އަޅުވަން މިވަނީ ތައްޔާރުވެފަ އެވެ. މި ޝޯވްތައް އޮންނާނީ 11 އަދި 12 އޮކްޓޫބަރު މި ދެ ދުވަހުގެ ހަވީރު 4:30ގަ އެވެ. މި ހާއްސަ ދެ ޝޯވްއަކީ ފިލްމު ބަލާލަން ބޭނުންވެފަ ފިލްމު ބަލަން ނުދެވުނު ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.

މި ދެ ޝޯވްގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން 7656000 އަށް ގުޅާލުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް މި ފިލްމު ތައްޔާރުކޮށްފައިވާ ފަރާތްތަކުން ބުނެ އެވެ.

ރޮބޯމޭން – ދަ މޫވީ އަކީ މީޑިއާނެޓުގެ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ، އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާރޓިސްޓުން ވެސް ފެނިގެންދާނެ އެވެ.