ރާއްޖޭގެ ދަރަނީގެ ކަންކަމުގައި ލަފާދިނުމަށް އެމެރިކާގެ ސެންޓާވިއު ޕާޓްނާސް ކިޔާ ކުންފުންޏެއް ހަމަޖައްސައިފި އެވެ.

ރޮއިޓާސް އިން ބުނިގޮތުގައި މާލީ ކަންކަމުގައި ލަފާދިނުމަށް ބައިނަލްއަގްވާމީ ކުންފުންޏެއްގެ އެހީތެރިކަން ހޯދުމަށް ނިންމާފައި ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ދިވެހި ސަރުކާރުން 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް އޮތުމާއި، ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއެކު، ފާއިތުވި މަސްތަކުގައި އިސްލާމިކް ސޮވްރިން ޑެޓަށް ޑިފޯލްޓްވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުގެ މައުލޫމާތު ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޖުމްލަ ދަރަނި އަދި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. މިއީ ޖީޑީޕީގެ 116 އިންސައްތަ އެވެ.

މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަކީ ބޭރުގެ ދަރަންޏެވެ. އޭގެ ތެރެއިން ބޮޑު ބައެއް ދައްކަންޖެހެނީ ސަރަހައްދީ ވާދަވެރިން ކަމުގައިވާ ޗައިނާ އަދި އިންޑިއާ އަށެވެ.

ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއިން 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާއިން 124 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. މި ދެ ގައުމުން ވަނީ ފާއިތުވި ހަފްތާތަކުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދަރަނީގެ ހާލަތާ މެދު އިންވެސްޓަރުންގެ ކަންބޮޑުވުން ކުޑަވެ، ރާއްޖޭގެ ބައިނަލްއަގްވާމީ ބޮންޑުތަށް ވަރުގަދަވެފައިވެ އެވެ.

ޗައިނާއިން ވަނީ ސެޕްޓެމްބަރު މަހު ވިޔަފާރިއާއި އިންވެސްޓްމަންޓް ހަރުދަނާކުރުމަށް ރާއްޖެއާއެކު މާލީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ފާއިތުވި މަހު 50 މިލިއަން ޑޮލަރުގެ ދިވެހި ޓްރެޜަރީ ބިލެއް ގަނެ، އަދި އޮކްޓޯބަރު މަހު 750 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ބޮންޑު، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދަރަނީގެ ކަންބޮޑުވުންތައް އިތުރުވުމާއެކު 66 ސެންޓަށް ވެއްޓުނު ނަމަވެސް، މިހާރު ވިޔަފާރި ކުރެވެނީ 80 ސެންޓުގެ އަގުގައި ކަމަށް ޓްރޭޑްވެބްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 2006 ވަނަ އަހަރު އުފެދުނު އިންވެސްޓްމަންޓް އަދި އެޑްވައިޒަރީ ކުންފުންޏެއް ކަމުގައިވާ ސެންޓާވިއު ޕާޓްނާސް އިން ފަހަކަށް އައިސް ސަރުކާރުތަކަށް ލަފާ ދިނުމުގެ ވިޔަފާރި އިތުރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މިދިޔަ އަހަރު ތެރޭގައި ފްރާންސްގެ ޕެރިސް އާއި އެމެރިކާގެ ނިއުޔޯކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނަގާފައިވެ އެވެ.