ހުޅުމާލެއިން މީގެ ކުރިން ވިއްކަން އިއުލާންކުރި ބިންތަކަށް ތަރުހީބެއް ނުލިބުމުން އަނެއްކާ ވެސް އިތުރު 18 ބިމެއް ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިފަހަރު ހުޅުމާލެއިން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފަޅިންނެވެ. އެގޮތުން ޖުމްލަ 18 ބިމެއް ވިއްކުމަށް އެ ކުންފުނިން ހުޅުވާލާފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދެ ބިމަކާއި، ބީޗް ސައިޑް 16 ބިމެކެވެ. މި ބިންތަކަކީ 1،864 އަކަފޫޓާއި 2،408 އަކަފޫޓުގެ ބިންތަކެކެވެ.

މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ބިން ވިއްކުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާހަގައި އެކްސްޕްރެޝަން އޮފް އިންޓަރެޓްސް (އީއައިއޯ) ހުށަހަޅާއިރު ދެވަނަ މަރުހަލާގައި އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ބިންތައް ބިޑުކުރުން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ދިރިއުޅުމުގެ ބޭނުމަށް ހަމައެކަނި ދިވެހިންނަށް ވިއްކާ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާއަށް ކަމަށެވެ.

ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ބިންތައް ވިއްކަން މިދިޔަ މޭއި މަހު ވެސް ހުޅުވާލި އެވެ. އަދި މިހާރު އިއުލާންކޮށްފައިވާ 18 ބިން ހިމެނޭހެން 58 ބިމެއް ގަތުމަށް އޭރު ހުޅުވާލި އެވެ. ނަމަވެސް އޭގެ ތެރެއިން ވިކުނީ ވަރަށް މަދު ބިމެއް ކަމަށް އެކަން އެނގޭ އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ރިއަލްއެސްޓޭޓް ވިޔަފާރި ކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ހުޅުމާލެއިން ވިއްކަން ހުޅުވާލާ ބިންތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބެނީ ހިލޭ ގިނަ އަދަދަކަށް ބިންތަކެއް ހުޅުމާލެއިން ބަހާލާފައިވާތީ ކަމަށެވެ.

"އެ ބިންތައް ވެސް އެ ހުރީ ހުހަށް. ދިގު މުއްދަތަށް ދޭން ވެސް ބައެއް މީހުން އެބަތިބި ތައްޔާރަށް. އެހެން ތިއްބާ ކީއްކުރަން ބޮޑު އަގުގައި އެޗްޑީސީން ވިއްކާ ބިންތަކެއް ގަންނަންވީ؟،" އޭނާ ވިދާޅުވި އެވެ.