މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތައް ލިބިދޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބަންޑާރަ ނައިބު ނިންމައިފި އެވެ.
މި އިސްލާހު މިއަހަރުގެ ތެރޭގައި ގެންނަވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީގެގޮތުގައި ދައުލަތަށް ނުލިބި ގާތްގަނޑަކަށް 16 ބިލިޔަން ރުފިޔާ އެބަހުރި ކަމަށް މީރާއިން ބުނެ އެވެ. އަދި އެ ފައިސާގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ވެސް ހިމެނެ އެވެ.
މީރާއިން ބުނިގޮތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ވެސް ހަތް ބިލިޔަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2020 ވަނަ އަހަރު ތިންވަނަ އިސްލާހު ވަނީ ގެނެސްފަ އެވެ. އެގޮތުން މި ގާނޫނުގެ 50 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މިގޮތަށް އިސްލާހު އޮތުމުގެ ސަބަބުން އެ ފައިސާ ހޯދުމުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، އެނޫންވެސް ބައެއް ދަތިތަކާ ކުރިމަތިލާންޖެހޭކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކުރެ އެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ގެނެސް ފައިސާ ފަސޭހައި ހޯދޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އިސްލާހު ކުރެއްވުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. އަދި ކުރިން އޮތްގޮތަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ފައިސާ ބަލައިގަތުމާއި ޝަރީއަތް މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ދެއްވާނެކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.
ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީޢަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ހުށަހެޅުމުގެ ކުރިން، އެ ފައިސާ އެފަރާތުން ހޯދުމަށްޓަކައި ވަކި ފިޔަވަޅުތަކެއް މީރާއަށް އެޅުމުގެ ބާރު މިހާރު ވެސް ވަނީ ދީފަ އެވެ.
އެގޮތުން ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމާއި ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުމާއި، ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ ޚިދުމަތެއް ދިނުން ހިފެހެއްޓުން ހިމެނެ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވަނީ މީރާއަށް ނުލިބި ހުރި ފައިސާތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.