މަސްވެރިކަން ދަށްވެ، މިފްކޯގެ މާލީ ހާލަތު ދަށްވެފައިވާތީ މިދިޔަ މަހުގެ 28 އިން ފެށިގެން ކިރާފައިވާ މަހުގެ ފައިސާ ދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތު ދަށް ކަމަށެވެ. އެހެންވެ މިިދޔަ މަހުގެ 28 އިން ފެށިގެން މިފްކޯއަށް ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ އެންމެ އަވަހަކަށް ދެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ސަރުކާރާ ވާހަކަދައްކަމުން ވީހާވެސް އަވަހަކަށް އެ ފައިސާ ދެވޭނެ ގޮތެއް ހޯދުމަށްޓަކައި،" އޮފިޝަލް ވިދާޅުވި އެވެ.

މިފްކޯ އިން ހިއްސާކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، 331 ދޯންޏަކުން ކިރާފައިވާ 882.32 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ ނުދީ އެބަހުއްޓެވެ. އެއީ ޖުމްލަ 9.1 މިލިއަން ރުފިޔާ އެވެ.

މަސްވެރިންނަށް މީގެކުރިން ވެސް ފައިސާ ދީފައި ވަނީ އެ ފައިސާ ދިނުމަށް ގޮވާލައި މަސްވެރިން މުޒާހަރާތަކެއް ކުރުމުންނެވެ.