މާލީ ދަތިކަން ކުރިމަތިވެގެން ޝިޕްމަންޓް ނުގެނެވިގެން މޯލްޑިވް ގޭސް އިން ގޭސް ހުސްވެއްޖެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި މިފަދަ މައްސަލައެއް އެ ކުންފުންޏަށް ދިމާވި ފުރަތަމަ ފަހަރެވެ. މިއާއެކު އެ ކުންފުނިން ގޭސް ވިއްކާ ބައެއް ރަށްރަށުން މިހާރު ވަނީ ގޭސް ހުސްވެފަ އެވެ.

ރާއްޖޭގައި ގޭހުގެ ވިޔަފާރިކުރަނީ މޯލްޑިވް ގޭހުގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ހަކަތައިންނެވެ.

އިތުބާރު ހުރި ގޮތަކަށް "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭހުން ގޭސް ހުސްވުމުން މިވަގުތަށް ބޭނުންވާ ގޭސް ގަންނަނީ ވިލާ ހަކަތައިންނެވެ. އަދި ވިލާ ހަކަތައިން މޯލްޑިވް ގޭހަށް ގޭސް ވިއްކަނީ މާކެޓްގައި ވިއްކާ އަގަށް ވުރެ ހެޔޮ އަގެއް ކަމަށް ވެސް އެނގިފައިވެ އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އޮފީސް ބަޔަކާއެކު މަސް ބޭނުމުގައި ބައިވެރިވަނީ. ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވް ގޭހުން ގޭސް ޝިޕްމަންޓް ނުގެނެވި ލަސްވެގެން އުޅެނީ އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް އެނގިފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭހަށް މިފަހަރުގެ ޝިޕްމަންޓް ނުގެނެވި ލަސްވީ އެސްޓީއޯގެ މާލީ ހާލަތު އިންތިހާއަށް ދަށްވެގެން ޝިޕްމަންޓަށް ފައިސާ ދައްކަން ޖެހޭ ދުވަހަށް ނުދެއްކިގެންނެވެ. އެސްޓީއޯއަކީ މޯލްޑިވް ގޭހުގެ މެޖޯރިޓީ ހިއްސާދާރެވެ. އެ ކުންފުނީގައި ޗަމްޕާ ބްރަދާސްގެ ބޮޑު ހިއްސާއެއް ވެސް އޮވެ އެވެ.

މޯލްޑިވް ގޭހުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ދާދިފަހުން ބޭއްވި ހަފުލާއެއްގައި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ބައިވެރިވަނީ. އެސްޓީއޯއަށް މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި. ފޮޓޯ: މޯލްޑިވް ގޭސް

މިކަމާ ގުޅޭ ގޮތުން މޯލްޑިވް ގޭސް އަދި އެސްޓީއޯގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.