ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށްދޭން ސަރުކާރުން ބޭނުމެއް ނުވެ އެވެ. އެކަމަކު ވަމުންދާ ގޮތް ރައްޔިތުންނަށް ސާފެވެ. ހަގީގަތަކީ ސަރުކާރުން މިހާރު އިގްތިސާދު މެނޭޖްކުރަމުން ދަނީ "ނުފޯރާ ފޮތިން ފޫގަޅަމުން" ކަމެވެ. ގައުމުގެ އެންމެ އަސާސީ ޚިދުމަތްތަކަށް ބޭނުންވާނެ ތަކެތި ހޯދާނެ ބޭރު ފައިސާ މި މަހު ވެސް ރިޒާވްގައި ހުރި ކަމެއް ޔަގީނެއް ނޫނެވެ. ޔަގީންވާ ކަމަކީ ކޮންމެ ވަގުތެއްގައި ވެސް އިގްތިސާދު ކްރޭޝްވެދާނެ ކަމެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 49 މިލިއަން ޑޮލަރެވެ. މިއީ ރާއްޖެ އަށް ބޭނުންވާނެ އެންމެ އަސާސީ ހަތަރު ބާވަތް ކަމަށްވާ ތެލާއި ގޭހާއި ބޭހާ އަދި ކާޑު ގަންނަން މަހެއްގެ މައްޗަށް ފުދޭ މިންވަރެއް ނޫނެވެ.

ބޭނުން ކުރެވޭ ރިޒާވް އެހާ ބޮޑަށް ވެއްޓުނު ސަބަބެއް ކަމަށް ވަނީ ދަރަނި ދެއްކުމަށާއި ތެލުގެ ހަރަދުތަކަށް ކުރަންޖެހޭ ހޭދަ އިތުރުވުމުންނެވެ. މިދިޔަ މަހު އެފަދަ ހަރަދުތަކަށް 322 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ޖުމްލަ ރިޒާވްގައި ހުރީ 371 މިލިއަން ޑޮލަރެވެ. އެހެންވެ މިދިޔަ މަހުގެ ޚަރަދުތަކަށް 322 މިލިއަން ޑޮލަރު ހޭދަކުރުމުން ރިޒާވް މިވަނީ 49 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިދިޔަ މަހުގެ ޚަރަދުތަކަށް 322 މިލިއަން ޑޮލަރު ޚަރަދުކުރި އިރު މި މަހު އެ އަދަދަށް ހޭދަކުރާނީ ކިހިނެއްބާވަ އެވެ؟ ރިޒާވްގައި ހުރީ އެންމެ 49 މިލިއަން ޑޮލަރެވެ. މިިދިޔަ މަހުގެ ޚަރަދުތަކުގެ ނިސްބަތުން ބަލާނަމަ ބާކީ 273 މިލިއަން ޑޮލަރު ހޯދާނީ ކޮންތާކުންބާވަ އެވެ؟

ރައީސް މުއިއްޒު އިންޑިއާ އަށް ފުރާވަޑައިގަންނަވަނީ. --ފޮޓޯ:ރައީސް އޮފީސް

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރުން މިހާރު ދަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ރައްކާކޮށްފައި ހުރި ފައިސާކޮޅު ވެސް ބޭނުން ކުރަމުންނެވެ. ދަރަނި އަދާ ކުރުމާއި، އިންވެސްޓުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރަން އުފައްދާފައިވާ ފަންޑުގައި 70 މިލިއަން ޑޮލަރު ހުރި ކަމަށް މި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އެ ފަންޑުގައި މިހާރު ހުރީ 20 މިލިއަން ޑޮލަރެވެ. އެހެންވެ އެސްޑީއެފް އިން ވެސް މި ވަނީ 50 މިލިއަން ޑޮލަރު ނަގައިފަ އެވެ.

މި އަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 110 މިލިއަން ޑޮލަރެވެ. ރާއްޖޭގެ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔައީ މިދިޔަ ޖުލައި މަހު އެވެ. އެ މަހު ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު، 2022 ގައި އެވްރެޖްކޮށް ޔޫޒަބަލް ރިޒާވްގައި 293 މިލިއަން ޑޮލަރު ހުއްޓެވެ. ދެހާސް ތޭވީހުގައި އެވްރެޖްކޮށް 161 މިލިއަން ޑޮލަރު ހުއްޓެވެ. މި އަހަރުގެ ވެސް ފުރަތަމަ ހަތް މަހު އެވްރެޖްކޮށް 93 މިލިއަން ޑޮލަރު ހުއްޓެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ އިމާރާތް. ފޮޓޯ: ޚަލަފް ހަސަން | ހުރިހާ

ކަންވަމުންދާ ގޮތުން ވެސް ރާއްޖޭގެ މާލީ ހާލަތު ވަރަށް ރަނގަޅަށް ސިފަވެ އެވެ. ނޫސްތަކުން ރޭ އެނގިގެން ދިޔައީ މާލީ ދަތިކަން ކުރިމަތިވެގެން ޝިޕްމަންޓް ނުގެނެވިގެން މޯލްޑިވް ގޭހުން ގޭސް ހުސްވި ޚަބަރެވެ. އިތުބާރު ހުރި ގޮތަކަށް "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭހުން ގޭސް ހުސްވުމުން މި ވަގުތަށް ބޭނުންވާ ގޭސް ގަންނަނީ ވިލާ ހަކަތައިންނެވެ. އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭހަށް މާލީ ދަތިކަން ކުރިމަތިވެގެން ޝިޕްމަންޓް ނުގެނެވިގެން މޯލްޑިވް ގޭހުން ގޭސް ހުސްވީ އެވެ.

މޯލްޑިވް ގޭހުން ގޭސް ޝިޕްމަންޓް ނުގެނެވި ލަސްވެގެން އުޅެނީ އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް އެނގިފައިވެ އެވެ.

ކޮންމެ ދުވަހެއްގެ ޚަބަރުތަކުން އެނގިގެން ދަނީ ގައުމު އޮތް ނުތަނަސްކަމުގެ ހާލަތެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވިގެން މަސްވެރިން މުޒާހަރާ ކުރާ ޚަބަރުތަކުގެ އަޑެވެ. އާސަންދަ ބަޖެޓް ހުސްވިކަމުގެ ޚަބަރެވެ. މުސާރަ ދެވޭނެ ވަރު ވެސް ސަރުކާރުގައި ނެތުމުން މުސާރަ ދޭން ބީއެމްއެލް އިން 800 މިލިއަން ރުފިޔާގެ ލޯނެއް ނެގިކަމުގެ ވާހަކަ އެވެ. ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއްހެން ހުއްޓިފައިވާ ކަމުގެ ވާހަކަތަކެވެ. ކުންފުނިތަކުގައި ވެސް ފައިސާ ނެތް ވާހަކަ އެވެ. ކުންފުނިތަކުން އާއްމުންނަށް އެތައް މިލިއަނަކުން ދަރާފައި އޮތް ވާހަކަ އެވެ. އެމްޓީސީސީ ފަދަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވިގެން އަތޮޅުތަކުގައި ހިންގި ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެން ރައްޔިތުން ތިބީ ޝަކުވާގަ އެވެ. ފެނަކަ އޮތީ ތިން ބިލިއަން ރުފިޔާ އިން ދަރައިފަ އެވެ.

މޯލްޑިވް ގޭހުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ބައިވެރިވަނީ. އެސްޓީއޯއަށް މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި. ފޮޓޯ: މޯލްޑިވް ގޭސް

ޑޮލަރުން ލިބޭ އާމްދަނީ މަދުވުމުން ރައްޔިތުން އަތުން ނަގާ ޓެކުހާއި ޓޫރިޒަމް ޓެކްސް ބޮޑު ކުރަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ޑިޕާޗާ ޓެކްސް މިވަނީ ވަރަށް ބޮޑުތަނުން ބޮޑުކުރަން ނިންމައިފަ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެންނަން ބަދަލު

- އިކޮނޮމީ ކްލާސް (ބިދޭސީން):

ކުރިން: 30 ޑޮލަރު. ބޮޑުކުރާ ރޭޓް: 50 ޑޮލަރު

- ބިޒްނަސް ކްލާސް (ދިވެހިންނާއި ބިދޭސީންނަށް)

ކުރިން: 60 ޑޮލަރު. ބޮޑުކުރާ ރޭޓް: 120 ޑޮލަރު

- ފަސްޓް ކްލާސް (ދިވެހިންނާއި ބިދޭސީންނަށް)

ކުރިން: 90 ޑޮލަރު. ބޮޑުކުރާ ރޭޓް: 240 ޑޮލަރު

- ޕްރައިވެޓް ޖެޓް (ދިވެހިންނާއި ބިދޭސީންނަށް)

ކުރިން: 120 ޑޮލަރު. ބޮޑުކުރާ ރޭޓް: 480 ޑޮލަރު

މީގެ އިތުރުން ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފި އެވެ. ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ވަނީ 100 ޕަސެންޓަށް އިތުރު ކުރަން ނިންމައިފަ އެވެ. އެގޮތުން 50 ކޮޓަރި އަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓް ހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމައިފަ އެވެ. ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ.

ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރެއްވި ދުވަސްވަރު ވަނީ އެމަނިކުފާނުގެ ސަރުކާރަކުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ނުކުރާނެ ކަމަށާއި ނަމަވެސް ޓެކްސް ބޭސް ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މިއަދު ފެނިގެން އެދަނީ އެ ވައުދާ ވެސް ޚިލާފުވާ ތަނެވެ.

ޓެކްސްގެ އިސްލާހުތަކާ އެކު، ދައުލަތުގެ އާމްދަނީ އަށް 2.7 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އިން 1.5 ބިލިއަން ރުފިޔާ އިތުރުކުރަން ފިނޭންސް އިން ވަނީ ނިންމައިފަ އެވެ. ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކޮށްގެން، އަހަރެއްގެ ތެރޭގައި 964 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. ޓީޖީއެސްޓީގެ އެއް ޕަސެންޓް ބޮޑުކޮށްގެން އަހަރުގެ ޖުމްލަ އާމްދަނީ އަށް 202 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެހެންވެ، ޓެކްސް ބޮޑުކޮށްގެން ހޯދާ 40 ޕަސެންޓަކީ ސީދާ ޓޫރިޒަމް ސެކްޓާ އިން އިތުރަށް ހޯދާ އާމްދަނީ އެވެ.

ސަރުކާރުން ޚަރަދު ކުޑަނުކޮށް ޓެކްސްތައް ބޮޑުކުރުމަކީ ގައުމު އިނދަޖެހިދާނެ ކަމެއް ކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިވެރިން މިހާރު ވެސް އެދަނީ އިންޒާރު ދެމުންނެވެ.

ޗައިނާގެ ޝިއަންމެން އެއާލައިނުން ރާއްޖެ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ. ޝިއަންމެން އެއާ އިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީން. ފޮޓޯ: އެމްއޭސީއެލް

ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރާ އިރު ރައްޔިތުންގެ ޝަކުވާ އަކީ ސަރުކާރުގެ ޚަރަދުތައް ކުޑަ ނުކުރުމެވެ. ސިޔާސީ މަގާމުތައް އިންތިހާ އަށް އިތުރު ކުރުމެވެ. ވެރިކަމަށް ވަޑައިގަންނަވަން މި ރައީސް އުޅުއްވި އިރު ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވި އިރު ފޮރިން މިނިސްޓްރީ ފަދަ ބައެއް މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ނުހިމަނައި، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ 1،200 އިން މަތީގަ އެވެ. ޕްރެޝަރު ބޮޑުވުމުން ރައީސް މިހާރު ވަނީ 200 ސިޔާސީ މަގާމު މަދުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ވެސް ހައްދަވާނެ ގޮތެއް ނޭނގެ އެވެ. މީގެ ކުރިން ވަނީ ސަރުކާރުން ވަކިކުރި ބައެއް މީހުން ސަރުކާރު ކުންފުނިތަކަށް ބަދަލުކޮށްފަ އެވެ.

ރާއްޖެ އަށް މާލީ އެހީދޭ ބޭރުގެ އެޖެންސީތައް ކަމަށްވާ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ކަންބޮޑުވުމަކީ ވެސް ރާއްޖޭގެ ޚަރަދު ބޮޑުވުމެވެ. ސަބްސިޑީ ދޭ ނިޒާމް ދައުލަތަށް ގެއްލުންވާ ގޮތަށް ބައްޓަންކޮށްފައި އޮތުމެވެ. މިކަންކަން އިސްލާހު ކުރަން އުޅެފި ނަމަ ސަރުކާރަށް ސިޔާސީ ގޮތުން ޕްރެޝަރު ބޮޑުވާނެ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އިގްތިސާދު ސަލާމަތް ކުރުމަށް އައިއެމްއެފް ފަދަ ފަންޑިން އެޖެންސީއެއްގެ ޕްރޮގްރާމެއްގައި ބައިވެރި ނުވާނެ ކަމަށެވެ. އެކަމަކު ގައުމުގެ ހާލަތު ފެންނަނީ އެފަދަ ޕްރޮގްރާމަކަށް ދާން މަޖްބޫރު ކުރުވާ ތަނެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލްގެ ބޭރުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން. ފޮޓޯ: ޚަލަފް ހަސަން | ހުރިހާ

ބޭރުގެ ދަރަންޏަށް އަންނަ އަހަރު 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެހެންވެ ކުރިމަގު ވެސް އޮތީ މާބަނަކޮށެވެ. ސަލާމަތެއް ނެތެވެ.

އިގްތިސާދީ ބައެއް ތަޖްރިބާކާރުންގެ ނަޒަރުގައި ދަރަނި ޑިފޯލްޑްވެ އިގްތިސާދު ކްރޭޝްވުން މި ހާލަތުގައި އެއްގޮތަކުން ރަނގަޅުވެދާނެ އެވެ. އޭރުން އަލުން ފަށަން ޖެހޭނީ އިގްތިސާދީ ރިފޯމްއާ އެކު އެވެ. އަވަށްޓެރި ސްރީ ލަންކާގެ އިގްތިސާދު ފުނޑިގެން ދިޔައީ ދިވެހިންގެ ކުރިމަތީގަ އެވެ. ތެލާއި ގޭހާއި ބޭހާއި ކާޑު ގަންނާނެ ފައިސާ ނެތި ގައުމު ބަނގުރޫޓްވީ އެވެ. ލަންކާގެ ވެރިކަމުގައި ތިބި ބަޔަކަށް އިގްތިސާދު މެނޭޖް ނުކުރެވުނީ އެވެ. އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވީ އެވެ. އެ ގައުމު އަލުން ފަށައިގެން މިހާރު އެ އުޅެނީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުންނެވެ.

ލަންކާ އަށް ވެސް ވީގޮތަކީ ވެރިކަމަށް ވަޑައިގެން ގޯޓާބަޔާ ރާޖަޕަކްސަގެ ސަރުކާރުން އާމްދަނީއާ ނުބައްދަލު ޚަރަދުތައް ކުރަން ފެށީ އެވެ. ރާއްޖޭގެ އާ ސަރުކާރުން ވެސް ވެރިކަމަށް އައިސް ބޮޑެތި ޚަރަދުތައ ކުކުރަން ފެށީ އެވެ. ތުރުކީން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ޑްރޯން ގަތީ އެވެ. އޭގެ އަގު ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު ޑްރޯންތަކުގެ އަގު 560 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެއެވެ. ޑްރޯންތަކުގެ މާބޮޑު ބޭނުމެއް ކުރެވޭނީއެއް ވެސް ނޫނެވެ.

ރާއްޖެ އަށް ލަންކާ އަށް ވީފަދަ ނާޒުކް ހާލަތެއް ދިމާވެ މުސާރައިގެ ތާށިކަން ކުރިމަތިވެއްޖެ ނަމަ މާލޭގެ އާބާދީގެ ބޮޑު ބައެއް އަތޮޅުތަކަށް ހިޖުރަ ކުރާނެ އެވެ. ކޮވިޑުގެ ދަތި ދުވަސްވަރު އެކަން ވަނީ ތަޖްރިބާ ކުރެވިފަ އެވެ.

ރާއްޖެ ބަނގުރޫޓްވުމަކުން ސަލާމަތްވެ، އިގްތިސާދު އިސްލާހު ކުރުމަށްޓަކައި ސަރުކާރު ވެސް އިސްލާހުވާން ޖެހެ އެވެ.