ރަސްފަރި ފަރު އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ރިސާޗް އުޅަނދު، އާރުވީ ތިމާވެށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އީޕީއޭގެ ޑިރެކްޓަ ޖެނެރަލް، އިބްރާހީމް ނައީމް އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި އީޕީއޭ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި އެމްއޯޔޫގައި މައިގަނޑު މަގުސަދަކީ އީޕީއޭއިން އިސްނަގައިގެން ކުރިޔަށްގެންދާ ރަސްފަރީގެ ފަރުތަކާއި މުރަކަތައް އާރާސްތުކޮށް އަލުން އިޔާދަކުރުމުގެ މަޝްރޫއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތުން، މި މަޝްރޫއުގައި ބޭނުންކުރަމުން އަންނަ އާރުވީ ތިމާވެށި އުޅަނދުގައި އެމްޑަބްލިޔުއެސްސީއިން ފެން ޕްލާންޓެއް ބެހެއްޓުމާއި ސާވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި މި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަޝްރޫއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދިނުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި މިއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދު ވެސް މެ އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ރަސްފަރި ފަރަށް ބާޖެއް އަރައި، 2،800 އަކަ މީޓަރަށް ވުރެ ބޮޑު ފަރުގެ ސަރަހައްދެއް ވަނީ ހަލާކުވެފަ އެވެ. މި މި އެމްއޯޔޫއަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ރައްކައުތެރިކުމުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުން އެމްޑަބްލިޔުއެސްސީއިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެމްޑަބްލިޔުއެސްސީއަކީ ތިމާވެށި ހިމާޔަތްކޮށް އަދި ރައްކައުތެރިކުރުމަށް ކުރިޔަށްގެންދެވޭ މިފަދަ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުންދޭ ކުންފުންޏެކެވެ.