ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، މަޖެލަން 32 ލޯންޗު ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނިގޮތުގައި އަލް ޝާލީ މެރިން، "މަޖެލަން 32" ސްޕީޑް ލޯންޗަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ލޯންޗު އެފުއްދުންތެރިން ކަމަށްވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކުރާ ލޯންޗެކެވެ. އެގޮތުން މިހާރު އެ ލޯންޗުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ލޯންޗު ބަނުމުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
އަލް ޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވީ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓު ފަދަ ހިތްގައިމު ސްޕީޑް ބޯޓެއް ދިރާގު ކަސްޓަމަރުންނަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޓީމުން ފުރިހަމަކަމާ އެކު މަސައްކަތް ކުރަނީ އެންމެ ފެންވަރު ރަނގަޅު ލޯންޗެއް ނަސީބުވެރި ފަރާތަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހައި ސްޕީޑް ލޯންޗު ވެގެން ދާނީ އަލް ޝާލީ މެރިން މޯލްޑިވްސްއިން އަބަދު ވެސް ދިވެހިންނަށް ގެނެސްދެމުން އަންނަ އުފެއްދުންތެރިކަމުގެ ލާމަސީލު މިސާލަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަރީފު ވިދާޅުވި އެވެ.
ދިރާގުން ބުނިގޮތުގައި މި މަޖެލަން 32 ބޯޓުގައި އަރާމު ޑެކަކާއި، ހިތްފަސޭހަ ކެބިންއަކާއި ބޭނުންކުރެވޭ ބަދިގެއެއް ވެސް އެކުލެވިގެންވާނެ އެވެ. އަދި މިއީ ދުއްވާލުމަށާއި ޕިކްނިކް ދަތުރު ދިއުމަށް ނުވަތަ އާއިލާއާއެކު މަސް ދަތުރު ދިއުމަށް ވެސް ވަރަށް ފުރިހަމަ ވާނެ ލޯންޗެއް ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނީ ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށް ވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަ ބްރޯޑްބޭންޑް 30 އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށެވެ. ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ ޑިސެންބަރު 15ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރަން ޖެހޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.