ދިރާގު ފުވައްމުލައް ރަންއަށް ރަޖިސްޓަރީކުރުމަށް މިއަދު ހުޅުވާލައިފި އެވެ.

މިކަން އިއުލާނު ކޮށްފައިވަނީ މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދުވުމުގައި ހިމެނޭ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ކެޓެގަރީތަކުގައި ރަޖިސްޓަރީކުރުމަށް ވަނީ ހުޅުވައިލައިފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހާ އެއްފަދައިން، ދިރާގު ފުވައްމުލައް ރަންގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، މި ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 232،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ އަންނަ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ. މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.

މި ތާރީހީ ދުވުމުގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިންނަށް މިހާރު www.dfr.mv މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ވަނީ ހުޅުވައިލައިފަ އެވެ. އަދި، 28 ފެބުރުވަރީގެ ނިޔަލަށް، ނުވަތަ ދުވުމުގައި ބައިވެރިކުރުމަށް ކަނޑައަޅައިފައިވާ 1500 ދުވުންތެރިންގެ ލިމިޓު ހަމަ ވަންދެން، ރަޖިސްޓަރީކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީ.އެމް.އެމް.އާރ ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.