ރާއްޖޭގެ އިސްލާމީ މާލީ ނިޒާމުގެ ފެށުން އަދި އިސްލާމީ އުސޫލުން މާލީ ހިދުމަތްދޭ އެންމެ ބޮޑު އިދާރާ ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު ފުރިއްޖެ އެވެ. ކުޑަ ގޮތަކަށް ވިޔަފާރި ފެށި މި ބޭންކު ރާއްޖޭގައި ކާމިޔާބުވާނެ ކަމާއިމެދު އޭރު ބައެއް ބޭފުޅުންގެ ހިތުގައު ޝައްކުތަކެއް އޮތް ނަމަވެސް އެންމެ 14 އަހަރު ތެރޭގައި އެ ބޭންކުން ވަނީ ޒަމާންވީ ބޭންކުތަށް ފަހަތައް ޖައްސާލާ ރާއްޖޭގެ ބޭންކިންގައި ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ، ރައްކާތެރި އަދި އިތުބާރު ލިބިފައިވާ ބޭންކަށް ވެފަ އެވެ.
އެމްއައިބީގެ ހިދުމަތް ރާއްޖޭގައި ފެށި ޒަމާނަކީ ދިވެހިން އިސްލާމީ މާލީ ނިޒާމަށް މާއަހުލުވެރި ޒަމާނެއް ނޫނެވެ. ނަމަވެސް ފުރަތަމަ ދުވަހު ވެސް ދިވެހިންގެ ކިބައިން ފެނިގެން ދިޔަައީ އެމްއައިބީއަށް އޮތް އިތުބާރެވެ. ބޭންކު ހުޅުވުމާއެކު އެކައުންޓު ހުޅުވުމަށް ދިވެހިން ކިއު ހަދާލި އެވެ. އެންމެ ބްރާންޗަކާ މަދު ކައުންޓަރުކޮޅަކުން ފެށި ހިދުމަތަށް ފުރަތަމަ ދުވަހު ވެސް ބާރު ބޮޑުވި އެވެ.
މަދު ހިދުމަތެއް ދިން ނަމަވެސް އެމްއައިބީގެ ހިދުމަތް ހޯދަމުންދިޔަ ކަސްޓަމަރުންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެބޭންކުގެ އެންމެ ޅަފަތުގައި ވެސް ހިޔާރު ކުރީ ޓެކްނޮލޮޖީގެ މަގެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ބޭންކުން ފައިސާ ކާޑުގެ ނަމުގައި ކާޑެއް ތައާރަފްކޮށް އޭޓީއެމްގެ އިތުރުން ރާއްޖެއަށް އަލަށް ވަޔަލެސް ޕީއޯއެސް މެޝިން ތައާރަފްކުރި އެވެ.
ބޭންކުގެ ހިދުމަތް ފުޅާވަމުންދިޔައީ ތަޖުރިބާކާރުން ލަފާކުރި ވަރަށް ވުރެ މާ ބާރު ދުވެލީގަ އެވެ. ދިވެހިންގެ އިތުބާރާއެކު އެބޭންކުން ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ލީޑަރަކަށްވި އެވެ. އެބޭންކުގެ ބުރަ މަސައްކަތާއި ފަންނީ އެހީއާއެކު ރާއްޖޭގައި އިސްލާމިކް ބޭންކިންއަށް ބޭނުންވާ އިތުރު ގަވާއިދުތަކާއި ފްރޭމްވޯކުތައް ވުޖޫދުވި އެވެ. އެއާއެކު އެ ބޭންކުން ރާއްޖޭގެ މާހައުލަށް ހާއްސަ އިސްލާމިކް ފައިނޭންސްގެ އެތައް ޕްރޮޑަކްޓެއް މާކެޓަށް ނެރުނެވެ. ޓެކްނޮލޮޖީ އާއި ރައްޓެހި ޒަމާނަށް ފެތޭ މި ޕްރޮޑަކްޓްތައް ވެގެން ދިޔައީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވުނު އަދި އެވޯޑުތަކެއް ވެސް ހޯދި ޕްރޮޑަކްޓްތަކަކަށެވެ.
އެމްއައިބީއިން ދިވެހިން އިސްލާމީ މާލީ ނިޒާމަށް ލޯ ހުޅުވުމަށް ކުރަމުން ދިޔަ މަސައްކަތާއެކު ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ދިޔައީ ބާރު ދުވެލީގައި ކުރިއަރަމުންނެވެ. ތަކާފުލްގެ ހިދުމަތް ފުޅާވެ ސުކޫކް ފަދަ އާލަތްތަށް ތައާރަފްވަމުން ދިޔަ އެވެ. އިސްލާމީ މާލީ ނިޒާމު ފުޅާވެ އިތުރު ފަރާތްތަކުން ވެސް މި ހިދުމަތާ ގުޅެމުުން ދިޔަ އެވެ.
އެމްއައިބީގެ ފަހަތުން މި ހިދުމަތާއި ގުޅެމުންދިޔަ ފަރާތްތަކުން ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އެމްއައިބީއިން ދެމުން ދިޔައީ އުފަލާއެކު އެވެ. ޒަމާނަށް އަންނަމުން ދިޔަ ބަދަލާއެކު ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ދެމުންދާ ގޮތް ނުހަނު ބޮޑަށް ބަދަލުވި އެވެ. މި ބަދަލަށް އެންމެ ބޮޑަށް ހޭނުނު ބޭންކަކީ އިސްލާމިކް ބޭންކޭ ބުނުން ދޮގަކަށް ނުވާނެ އެވެ.
ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުން އެބޭންކުން 2023 ވަނައަހަރު ތައާރަފްކުރިއިރު ވިޔަފާރިތަކަށް ވެސް މި ހިދުމަތް ތައާރަފްކުރި ފުރަތަމަ ބޭންކަކީ އިސްލާކް ބޭންކެވެ. ފައިސާ މޮބައިލް އަދި ފައިސާނެޓުން އިންގިލާބީ ބަދަލުތަކެއް މާކެޓަށް ގެނެސް އެބޭންކުން ދޭ ހުރިހާ ހިދުމަތެއް ހަގީގީ މާނައިގައި ޑިޖިޓަލް ކުރި ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ބޭންކަކީ މޯލްޑިސް އިސްލާމިކް ބޭންކެވެ.
ވޭތުވެދިޔަ 14 އަހަރު އެމްއައިބީ ވެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ފާހަގަ ކޮށްލެވޭ ބޭންކަކަށެވެ. މުޖުތަމައުގައި އެކި ކަންކަމަށް ބޭނުން ޖެހިފައިވާ ކުދިންނާއި އާއިލާތަކުގެ ގާތް މިތުރަކަށެވެ. އެތައް ބައްޔެއްގެ ވޭން ތަހައްމަލްކުރަމުންދިޔަ އެތަށް ބައެއްގެ ފަރުވާއަށް އެހީވެދިން މަދަދުގާރަކަށެވެ. ކުޑަ ކުދިންގެ ހިޔާ އަދި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންގެ ކަންކަމަށް އަހައްމިޔަތުކަން ދިން ހަގީގީ އެކުވެރިއަކަށެެވެ.
އެމްއައިބީއަކީ ރާއްޖޭގެ އެކި ފަންނުގެ މީހުންގެ ހުނަރު ކުރިއަރުވަން އެހީވަމުން އަންނަ ބޭންކެކެވެ. އެކި ކުޅިވަރު އިދާރާތައް އެހީވަމުންއަންނައިރު ރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް އެބޭންކުން ގިނަ އެހީތެރިކަމެއްދެ އެވެ. ޖުމްލަކޮށް ބަލާއިރު އެމްއަބީއަކީ ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް ހޭދައެއްކުރާ ރާއްޖޭގެ ކޮމިއުނިޓީ ބޭންކެވެ. ވަކި ފަންތިއެއް ގިންތިއެއް މިން ކުރުމަކާއި ނުލާ ކޮންމެ ފަރުދަކަށް ވެސް ހިދުމަތް ހޯދޭ ބޭންކެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން 14 އަހަރު ތެރޭ އެމްއައިބީ އިން ރާއްޖެއަށް މި ގެނެސްދިނީ އާދަޔާ ހިލާފު ބޮޑު ބަދަލެކެވެ. މިއަދު އެމްއަބީއަކީ ދިވެހިން އެންމެ އިތުބާރު ކުރާ ބޭންކެވެ. ޝަރީއާ ހުއްދަ ކުރާ އުސޫލުން ރިބާ ނުހިމަނާ މާލީ ކަންކަން ފުރިހަމަވާނެ ކަން ޔަގީންވާ ބޭންކެކެވެ. ބޭންކަށް ނުގޮސް ދުނިޔޭގެ ކޮންމެތާނކު ހުރި ނަމަވެސް ހިދުމަތް ލިބޭނެކަން ޔަގީންވާ ބޭންކެކެވެ. އިންޓަނެޓް ބޭންކިންގެ ރައްކާތެރިކަމާމެދު ފުރިހަމަ އިތުބާރު ލިބޭ ބެންކެކެވެ.