ދުނިޔޭގެ ބޮޑެތި ޕްރައިވެޓް އިކުއިޓީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބްލެކްސްޓޯން އިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަލުން ގަތުމުގެ ފަހު މަރުހަލާގައި އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިހާރު ޓީއެމްއޭ އޮތީ ބެއިން ކެޕިޓަލް އިސްކޮށް އޮތް ކޮންސޯޓިއަމްއެއްގެ އަތުގަ އެވެ. މި މުއާމަލާތް ނިމޭނެ ކަމަށް ބެލެވެނީ 2017 ގައި ބްލެކްސްޓޯން އިން ވިއްކާލި އަގާ ގާތްގަނޑަކަށް އެއްވަރު އަގެއްގަ އެވެ.

ބްލެކްސްޓޯން އިން ފުރަތަމަ ޓީއެމްއޭ ގަނެ، ފަހުން 2017 ގައި 500 މިލިއަން ޑޮލަރަށް ވިއްކާލި އެވެ. މިއީ އެ ކުންފުނިން ކުރި 98 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން 4.8 ގުނަ ފައިދާއެއް ލިބޭ ގޮތަށް ކުރި މުއާމަލާތެކެވެ. އޭގެ ފަހުން ބެއިން ކެޕިޓަލް އާއި އެ ފަރާތުގެ ޕާޓްނަރުން 115-120 މިލިއަން ޑޮލަރު ކުންފުންޏަށް ހޭދަކުރި އެވެ. މީގެ ތެރޭގައި ދަރަންޏާއި އިކުއިޓީ ހިމެނެ އެވެ. މިއީ ރާއްޖެއަށް މަތީ ފަންތީގެ ފަތުރުވެރިކަން އިތުރުވާނެ ކަމަށް ބަލައިގެން ކުރި އިންވެސްޓްމަންޓެކެވެ.

ނަމަވެސް، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޓީއެމްއޭގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރި އެވެ. ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވުމާއެކު ޑިމާންޑް ވަރަށް ބޮޑަށް ދަށްވި އެވެ. ކުންފުނިން 305 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ދެއްކުމަށް ދަތިވުމާއެކު، ލޯނު ދޫކުރި ފަރާތްތަކުން ކުންފުނީގެ ކޮންޓްރޯލް ނަގައި، ދަރަނި އަލުން ރިސްޓްރަކްޗާ ކުރި އެވެ. މިގޮތުން އެމެރިކާގެ ކާލައިލް، ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް، އަދި ޑޭވިޑްސަން ކެމްޕްނާ (ޑީކޭ) އިން އެކުލެވޭ އާ ލޯނު ދޫކުރި ފަރާތްތަކުގެ ކޮންސޯޓިއަމް މެޖޯރިޓީ ވެރިފަރާތްތަކަށް ވި އެވެ.

ރޮކެޓް ރީޗްގެ މައުލޫމާތު ދައްކާ ގޮތުގައި، ޓީއެމްއޭ އިން 2024 ގައި 177.9 މިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ކަމަށްވެ އެވެ. އަދި މި ދާއިރާގެ މާހިރުން ބުނާގޮތުގައި މި އަހަރު ކުންފުނިން 70-80 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ އެވެ. ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެފައި ވީނަމަވެސް، އެޕޮލޯ ގްލޯބަލް މެނޭޖްމަންޓް، ސީވީސީ ކެޕިޓަލް ޕާޓްނާސް، އަދި ޓާޓާ ގްރޫޕް ފަދަ އެކި ޕްރައިވެޓް އިކުއިޓީ ފާމްތަކުން އިންވެސްޓްކުރުމަށް އިންކާރުކޮށްފައިވެ އެވެ. މިއީ ބަލިމަޑުކަމާއި މާލީ ހީނަރުކަމުގެ ސަބަބުން މި ދާއިރާއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލައިގެންނެވެ.

ލޯނު ދޫކުރި ފަރާތްތަކުން އުންމީދުކޮށްފައި ވަނީ ޓީއެމްއޭ 550- 700 މިލިއަން ޑޮލަރަށް ވިއްކާލުމަށެވެ. ނަމަވެސް އެ އަގުގައި ގަތުމަށް ޝައުގުވެރިވާނެ ފަރާތްތައް ވަނީ ނުލިބިފަ އެވެ.

މިހާރު ފަތުރުވެރިކަން އަލުން އާރާސްތުވަމުން އަންނާތީ، ބްލެކްސްޓޯން އިން އެއާލައިން އަލުން ގަތުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ފަރާތުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވިނަމަވެސް، އިންޑަސްޓްރީގެ އެތެރޭގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި މި ނިންމުމުގެ ފަހަތުގައި ވަނީ ރާއްޖޭގެ ޓޫރިޒަމް މާކެޓާއި ޓީއެމްއޭއަށް އޮތް އިތުބާރެވެ.

1993 ގައި ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސްގެ ނަމުގައި ފެށުނު ޓީއެމްއޭ އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މި ކުންފުނީގެ ފްލީޓުގައި 65 ޑީއެޗްސީ-6 ޓްވިން އޮޓާ މަތިންދާބޯޓު ހިމެނެ އެވެ. މީގެ ތެރޭގައި 13 ރިސޯޓް ބްރޭންޑެޑް މަތިންދާބޯޓާއި 2 ވީއައިޕީ-ކޮންފިގާކޮށްފައިވާ މަތިންދާބޯޓު ހިމެނެ އެވެ. ޓީއެމްއޭ އިން ރާއްޖޭގެ 16 އަތޮޅެއްގައި ހުރި 80 އަށްވުރެ ރިސޯޓުތަކާ ގުޅުވައިދެ އެވެ. އަދި ދުވާލަކު 400 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ.