މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ދިރާގު-އެޕް މެދުވެރިކޮށް ހަދިޔާކުރެވޭ ފީޗާއެއް ތައާރަފްކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހަދިޔާކުރެވޭނެ މަގު ތަނަވަސްކޮށްދީފި އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން ވަނީ މިކަމުގައި ބައިވެރިވެ، ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފަ އެވެ. އަދި، ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުއެޕް މެދުވެރިކޮށް ދިރާގުން ވަނީ ހުޅުވައިލައިފަ އެވެ. މި ގޮތުން، ދިރާގުއެޕް މެދުވެރިކޮށް ހަދިޔާކުރެވޭނެ ހިޔާތަކަކީ:
1. ފިޔަވަތި
2. އަމާން ވެށި އަދި އަމާން ހިޔާ
ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ ޖެންޑާ އެންޑް ފެމެލީ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ. މި ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާ އެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
ދިރާގު އެޕް މެދުވެރިކޮށް ހަދިޔާކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތަކުން (10 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، އަދި 500 ރުފިޔާ) އަދަދެއް ހިޔާރުކޮށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ އެވެ. އަދި، ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެ އެވެ.
ދިރާގުއެޕް މެދުވެރިކޮށް ލިބޭ ޑޮނޭޝަންތަކުގެ އެހީގައި، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުން ކުދިންނަށް ކޮށްދޭން ކަނޑައަޅައިފައިވާ ކަންކަމަކީ:
1. ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުމަށް.
2. ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުމަށް.
3. ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުމަށް.
4. ޒުވާނުންނަށް (16 އަހަރުން މަތީގެ ކުދިންނަށް) ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް.
ދިރާގުން ބުނީ ހުރިހާ އެންމެން ވެސް މުޖުތަމައުގައި ބައިވެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. މި ގޮތުން، ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރަމަޟާން މަހަކީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަކު އަނެކަކަށް އޯގާތެރިވުން މުހިންމު މައްސަރަކަށްވެފައި، ދިރާގުގެ އިސްނެގުމުގެ މަތިން މި ކުރަމުންދާ މުހިންމު މަސައްކަތް ވެގެން ދާނީ މި ކުދިންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނައުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.