ސ. ހިތަދޫ ސަރަހައްދީ ޕޯޓަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަޝްރޫއުއެއް ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވެއްޖެ އެވެ.
ހިތަދޫގައި ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހެދި ސަރަޙައްދީ ބަނދަރުގެ އެންމެ ބޮޑު މައްސަލައަކީ މަގަތު ފާލަން ހާދައިވާ ސަރަހައްދުގެ ގޮތުން މާކަނޑުން ވަންނަ ބޮޑެތި ބާނިތަކުން ބޯޓުތަކަށް ބަނދަރުކުރަން އުނދަގޫތަކެއް ދިމާވުމެވެ.
އެ ބަނދަރުގައި އާ މަގަތު ފާލަމެއް ހެދުމުގެ މަޝްރޫއެއް ކުރިޔަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ސަރަހައްދީ ޕޯޓަށް ގެންނަ ބަދަލާއެކު މަގަތު ފާލަމަށް ބައެއް މޫސުންތަކުގައި ބޯޓުފަހަރަށް ކައިރި ނުކުރެވި، މުދާ ބޭލުމުގައި ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ.
"މަގަތު ފާލަމަށް ބީއްސާލާ ބާނިތަކުން ބޯޓުތައް އެއް މީޓަރަށް ވޯޓު ސްވިންގްވޭ (ހެއްލޭ). އެހެންވެ ބައެއް ފަހަރު ބޯޓުތަކުގެ ވާ ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ވެސް ދިމާވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއުގެ ދަށުން އެ ބަނދަރުގައި 972،500 އަކަ މީޓަރުގެ ސަރަހައްދެއް ނުވަ މީޓަރަށް ފުން ކުރުމާއި، 8.4 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 200 މީޓަރު ދިގު މަގަތު ފާލަމެއް ހެދުން، 2،360 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮއްޓެލުން ހިމެނެ އެވެ. މީގެ އިތުރުން 500 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓް ޖަހައި، ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
"އަލަށް ހިއްކާ ބަޔާއެކު ހަދާ މަގަތު ފާލަން ބެހިގެންވަނީ ދެ ބަޔަކަށް. އަދި މިހާރު ބޭނުންކުރާ މަގަތު ފާލަން ފަހުން ބޭނުންކުރާނީ ބާޖު އޮޕަރޭޝަންތަކަށް،" ޝާހިދު ވިދާޅުވި އެވެ. "ފަހުން ޕްރައިމަރީ މަގަތު ފާލަމަކަށް ވާނީ އެތެރޭގައި އަލަށް މިހަދާ ތަން."
އޭނާ ވިދާޅުވީ އަލަށް ހަދާ މަގަތު ފާލަމަށް މާލޭގެ ބަނދަރަށް ކައިރިކުރާ ފީޑާ ވެސެލް ސައިޒުގެ ބޯޓުތަކަށް ކައިރި ކުރެވޭނެ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ކުރިޔަށްދާއިރު ވެސް އެ ބަނދަރު އޮޕަރޭޝަން ނުހުއްޓޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިއީ ދެކުނުގެ ތަރައްޤީއަށް އެޅިގެންދާ ވަރަށް މުހިއްމު ބިންގަލެއް. ޚާއްޞަކޮށް ހުވަދު އަތޮޅާއި، ފޯއްމުލަކާއި އަދި އައްޑޫގެ ކަނެކްޓިވިޓީ ރަގަޅުކޮށްދޭނެ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެއް. ވަރަށް ފުރިހަމަ އާޓިކަލްއެއް!