މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މިވަގުތު އެއް ވަނަ މާކެޓެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 884،802 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 818،341 ޓޫރިސްޓުންނެވެ. މިއީ 8.1 ޕަސެންޓް އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 100،650 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.
އަހަރުގެ މިހާތަނަށް ފަތުރުވެރިން އައި އަދަދު:
- ޗައިނާ: 100،650 ޓޫރިސްޓުން
- ރަޝިއާ: 95،144 ޓޫރިސްޓުން
- އިނގިރޭސިވިލާތް: 91،690 ޓޫރިސްޓުން
- އިޓަލީ: 78،592 ޓޫރިސްޓުން
- ޖަރުމަން: 67،978 ޓޫރިސްޓުން
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.