ހއ.ހޯރަފުށީ އެއާޕޯޓުގެ ޕަސިންޖަ ޓާމިނަލާއި ފަޔާ ބިލްޑިން ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 13.8 މިލިޔަން ރުފިޔާގެ މަޝްރޫއު ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ގަ އެވެ. މިމަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
އެ ކުންފުނިން ވަނީ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ އޮކްޓޫބަރު މަހު މުޅިން ނިންމުމަށް އަމާޒު ހިފައިފަ އެވެ.
ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން، 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.
އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހޯރަފުށީ އެއާޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 8،635 ސްކެއާ މީޓަރުގެ އޭޕްރަންއަކާއި ޓެސްކީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި 9،473 ސްކެއާ މީޓަރުގެ ޕާކިން އޭރިއާއެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.
އެ އެއާޕޯޓުގައި 1،718 ސްކެއާ މީޓަރުގެ ފަޔާ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހަން ވެސް ނިންމާފައިވެ އެވެ.
އެމްޓީސީސީން ވަނީ މި މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ ޖެހުމުގެ މަސައްކަތް ވެސް މިދިޔަ މާޗްމަހު ނިންމާފައިވެ އެވެ.