މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރެއް ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ދުވަހުގެ މި ކަލިނަރީ އިވެންޓުގައި ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ބައިވެރިވާނެ އެވެ. އަދި ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ކުދި ވިޔަފާރިތަކުން ފެށިގެން ނަން މަޝްހޫރު އެކި ފަންތީގެ ވިޔަފާރިތަކުން އެ ކާނިވަލްގައި ބައިވެރިވާނެ އެވެ.

ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ ފުޑް ކާނިވަލް ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ވެސް އެ ކާނިވަލް ބޭއްވުމަށް ދިރާގުން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފުޑް ކާނިވަލް ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވީރު 4 އިން ރޭގަނޑު 11:30 އަށެވެ. މިއީ ފުޑް ކާނިވަލުގެ ތިން ވަނަ އެޑިޝަނެވެ.