ކުރިއަށް އޮތް ދެމަހު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެކުންފުނީގެ މުއައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމައިފި އެވެ.
ޓީއެމްއޭއިން މިގޮތަށް ނިންމީ ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ ލިބޭ ގެއްލުން ފޫބެއްދުމަށް ކަމަށް ބުނެ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން 1،000 ޑޮލަރަށް ވުރެ ދަށުން ލިބޭ މުއައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދިން ނަމަވެސް އެއަށްވުރެ މަތިން ލިބޭ މުއައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ދޭނީ ރުފިޔާއިންނެވެ. ބާކީ 80 ޕަސެންޓް ދޭނީ ޑޮލަރުންނެވެ.
ޖުލައި މަހާއި އޮގަސްޓް މަހުގެ މުސާރަ މިފަދައިން ދޭން ނިންމިއިރު، އެ ކުންފުނިން ބުނީ އޭގެ ފަހުން މިކަމަށް ހައްލެއް ލިބޭތޯ ބަލާނެ ކަމަށެވެ.
އެކަމާ ގުޅޭ ރަސްމީ އީމެއިލް މިދިޔަ އާދިއްތަ ދުވަހު ޓީއެމްއޭއިން ވަނީ އެ ކުންފުނީގެ މުއައްޒަފުންނަށް ފޮނުވާފަ އެވެ. މިއާއެކު 300 ބޭރު ޕައިލެޓުންނާއި ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން މަސައްކަތްކުރާ ޓީއެމްއޭއިން ބުނީ މި ބަދަލާ ގުޅިގެން މުއައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.
އެ ކުންފުނީގެ ޕައިލެޓަކު ނަން ނުޖެހުމަށް އެދި ބުނީ ޑޮލަރުން މުސާރަ ދިނުމުގެ އުސޫލަށް ގެނައި ބަދަލާ މެދު ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެމަހަށް ފަހު އަމަލުކުރާނެ ގޮތެއް ކުންފުނިން ނުނިންމާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލާ އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ ގާނޫނު އެކުލަވާލީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާ ބެހޭ އުސޫލުތަކާއި، އެނޫން ވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގަން ބޭނުންވާ ކަމާ ބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭއިން އެ ގާނޫނަށް އަމަލު ކުރުމަށްޓަކައި އެމްއޭސީއެލްއަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ދިވެހި ރުފިޔާއިން ދައްކަން ހުށަހެޅި ނަމަވެސް އެކަމަށް އެމްއޭސީއެލްއިން އެއްބަސްވެފައި ނުވާތީ، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ، މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.