ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެކުންފުނީގެ މުއައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ ކުންފުނީގެ މުއައްޒަފުން ބައްދަލުވުމެއް ބާއްވައިފި އެވެ.

މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލާ ގުޅިގެން ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގަ ބޭއްވި މި ބައްދަލުވުމުގައި ޓީއެމްއޭގެ ޕައިލެޓުންނާއި ކެބިން ކްރޫން އަދި އިންޖިނިއަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ ލިބޭ ގެއްލުން ފޫބެއްދުމަށް ކަމަށް ބުނެ ޓީއެމްއޭއިން ގެނައި މި ބަދަލާ ގުޅިގެން ކުރިއަށް އޮތް ތަނުގަައި ވެސް ރަނގަޅު މަޝްވަރާއަކާއި ތައްޔާރީއަކާ ނުލައި ޓީއެމްއޭން މުސާރައިިން ދިވެހި ރުފިޔާއިން ދޭނެ ރޭޝިއޯ މަތިކޮށްފާނެ ކަމުގެ ބިރު ބޮޑު ކަމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

ޑޮލަރުން މިހާރު ލިބޭ އާމްދަނީއަށް ބަރޯސާވެގެން، މުވައްޒަފުން ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ނަގާފައިވާ ލޯނުތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށް ދަތިވާނެކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މުއައްޒަފުން ފާހަގަކުރި އިރު، އޭވިއޭޝަން ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ އޭވިއޭޓާސް މޯލްޑިވްސް އިން ބުނި ގޮތުގައި ޓީއެމްއޭއަށް ލިބޭ ޑޮލަރު އާމްދަނީ މާރުކުރަން ޖެހޭތީވެ، ޑޮލަރުގެ ލިކިއުޓިޑީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މިކަމާ ގުޅިގެން ރޭގެ ބައްދަލުވުމުގައި އެތެރޭގެ ވާހަކަތަކާއި މަޝްވަރާތައް އިތުރުކޮށްގެން ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ވަނީ މުއައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ކުރިއަށް އޮތް ދެމަހު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެކުންފުނީގެ މުއައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމައިފި އެވެ.

ޓީއެމްއޭއިން މިގޮތަށް ނިންމީ ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ ލިބޭ ގެއްލުން ފޫބެއްދުމަށް ކަމަށް ބުނެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނީގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން 1،000 ޑޮލަރަށް ވުރެ ދަށުން ލިބޭ މުއައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދިން ނަމަވެސް އެއަށްވުރެ މަތިން ލިބޭ މުއައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ދޭނީ ރުފިޔާއިންނެވެ. ބާކީ 80 ޕަސެންޓް ދޭނީ ޑޮލަރުންނެވެ.

އެކަމާ ގުޅޭ ރަސްމީ އީމެއިލް މިދިޔަ މަހު ޓީއެމްއޭއިން އެ ކުންފުނީގެ މުއައްޒަފުންނަށް ފޮނުވިއިރު، 300 ބޭރު ޕައިލެޓުންނާއި ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން މަސައްކަތްކުރާ ޓީއެމްއޭގެ މުއައްޒަފުން އޭރުވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

އެކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލާ އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ ގާނޫނު އެކުލަވާލީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާ ބެހޭ އުސޫލުތަކާއި، އެނޫން ވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގަން ބޭނުންވާ ކަމާ ބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭއިން އެ ގާނޫނަށް އަމަލު ކުރުމަށްޓަކައި އެމްއޭސީއެލްއަށް ދައްކަން ޖެހޭ ބައެއް ފީތަކާއި ޖެޓްފިއުލްގެ ހަރަދުގެ ބައެއް ދިވެހި ރުފިޔާއިން ދައްކަން ހުށަހެޅި ނަމަވެސް އެކަމަށް އެމްއޭސީއެލްއިން އެއްބަސްވެފައި ނުވާތީ، މާރުކުރާ ފައިސާ ބޭނުން ކުރަން ނިންމީ، މުވައްޒަފުންނަށް ދޭ މުސާރައިގެ ގޮތުގަ އެވެ.