ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގް ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ދިރާގު މޯލްޑިވްސް ގޭމިންގް ކޮންކުއެސްޓް (ޑީއެމްޖީސީ) 1500 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ޗެމްޕިއަންޝިޕް ޖުލައި 31 ވަނަ ދުވަހުން ފެށިގެން 2 އޮގަސްޓް ގެ ނިޔަލަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާނެ އެވެ. ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުން ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 170،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މި ޗެމްޕިއަންޝިޕްގެ އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު 27 ޖުލައި ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.
ޑީއެމްޖީސީ 2025 ގައި ހިމެނޭ މައިގަނޑު ގޭމިންގް މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މި ގޮތުން، ޑީއެމްޖީސީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭސިންގ ސްޓިމިއުލޭޓަރ ޒޯން، ވާޗުއަލް ރިއާލިޓީ (ވީއާ) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާއެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. މިއީ ގޭމް ކުޅުންތެރިންނަށް އަދި ގޭމިންގް އަށް ލޯބި ކުރާ ފަރާތްތަކަށް ފޯރިގަދަ ތަޖުރިބާއެއް ކުރުމަށް ލިބޭ ފުރުސަތެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އަދި ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.