ކުރިއަށް އޮތް ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގެ ތައްޔާރީތަކުގެ ތެރެއިން، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޖިސްމާނީ ދުޅަހެޔޮކަމަށް ބާރުއެޅުވުމުގެ މަގްސަދުގައި، ދިރާގުން އެކި މުއައްސަސާތައް ހިމެނޭގޮތަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
ދިރާގުން ބުނީ 2024 ވަނަ އަހަރު ތައާރަފު ކުރެވުނު މި ގިންތީގައި އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް 4 މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމްތައް އެކުލަވާލާ، ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓީމެއްގެ ގޮތުގައި ރަޖިސްޓަ ކުރާ އިރު ކޮންމެ ޓީމެއްގެ ރަޖިސްޓްރޭޝަން ފީއަކީ ޖުމްލަ 1000 ރުފިޔާ އެވެ. އަދި ދިރާގުޕޭ ބޭނުންކޮށްގެން ފާއިސާ ދައްކާ ޓީމްތަކުގެ ފީއަކީ ޖުމްލަ 800 ރުފިޔާ އެވެ. ރަޖިސްޓްރޭޓްރޭޝަން ފީގެ ތެރޭގައި ދުވުންތެރިންނަށް ހާއްސަ ޓީޝާޓް، ވަގުުތު ބެލުމަށް ބޭނުންކުރާ ޗިޕް އެކުލެވޭ ބިބް، އަދި މެޑަލް ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ ހަރަކާތުގައި ބައިވެރިވާ އެންޖީއޯތަކުގެ މެދުގައި ހަމަހަމައަށް ބެހިގެންދާނެ އެވެ.
ކޯޕަރޭޓް ޓީމް ގިންތީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތައް ބަލާފަ އެވެ. އަދި ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތުކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ އެވެ. މި ގިންތީގެ އިނާމުތަކަކީ:
•ޗެމްޕިއަން ޓީމް: 10،000 ރުފިޔާ
•ރަނަރަޕް ޓީމް: 8،000 ރުފިޔާ
•ދެވަނަ ރަނަރަޕް ޓީމް: 6000 ރުފިޔާ
ޑީއެމްއާރްއާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2024 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީ.އެމް.އާރް.އާރް 2025 އަކީވެސް ދިރާގުގެ ސީ.އެސް.އާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފަ އެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.