އަގު ބޮޑު އެތައް އިނާމެއް ދޭން ހަމަޖެހިފައިވާ ފުވައްމުލަކު "ރަށިބާޒާރޮ" މިރޭ ނިމޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.

މި ބާޒާރު ކުރިޔަށް ގެންދަނީ މި މަހުގެ 5 އިން މިރޭގެ ނިޔަލަށެވެ. މިއީ މިބާޒާރު ބާއްވާ މިއީ ތިން ވަނަ އަހަރެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މިބާޒާރަށް ރޭގެ ނިޔަލަށް 16،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް އެ ކައުންސިލުން ބުނެ އެވެ.

"މިދިޔަ އަހަރަށް ވުރެ އެތައް ގުނައެއް އިތުރު މިއަހަރު ޒިޔާރަތްކުރި މީހުން. މިއިން ދައްކަދެނީ މި ބާޒާރަށް ލިބޭ ތަރުހީބު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަކަން،" ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ރަށިބާޒާރޮ"ގެ ނަމުގައި ފުވައްމުލަކުގައި ކުރިޔަށް ދާ ބޮޑު މާކެޓްގެ ސްޓޯލަކުން ބަޔަކު ވިޔަފާރިކުރަނީ. --- ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މި އަހަރުގެ ރަށިބާޒާރޮ ގައި ޖުމްލަ 70 ސްޓޯލް ހުންނާނެ އެވެ. އޭގެ ތެރޭގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލް ހިމެނެ އެވެ.

މިރޭ ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހޮންޑާ އެއާ ބްލޭޑް 125 ބްލެކްއެޑިޝަން ސައިކަލަކާއި އުމްރާ ދަތުރެއް، ދިރާގު ލިމިޓެއް ނެތް ފައިބާ 100 އެމް ކަނެކްޝަން 12 މަސް ދުވަހަށް ހިލޭ ދޭ ޕެކެޖެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

https://www.facebook.com/photo/?fbid=756338874043359&set=a.102129359464317

ފުވައްމުލައް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ ރަށިބާޒާރަކީ ތަފާތު ވިޔަފާރިތަކަށް ފުރުސަތު ހޯދައިދީ އެކި ވިޔަފާރިތަކާއި ކެފޭތައް އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި މާކެޓް ކުރުމަށް އެހީތެރިވެ ދިނުމަށާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނޭ ފަދަ ބާޒާރެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ބާޒާރެކެވެ.

މި ބާޒާރުގެ ސަބަބުން ރަށުގެ އިގްތިސާދު ކުރިއަރައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރަށުގެ އުފެއްދުންތައް އެއްތަނަކުން ލިބޭނެ މަގުފަހިވެގެން ދާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ. އަދި ފަތުރުވެރި ކަމަށް ވެސް މިކަމުން އިތުރު ކުރިއެރުން ލިބިގެން ދިއުމަކީ މި ބާޒާރު ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.