ރަސްމާލެ އާއި ހުޅުމާލެ ފޭސް 3ގެ ބިން ހިއްކައި ތަރައްގީ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސްޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ. އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން އެމްއޭސީއެލްގެ އިސްވެރިން ދަނީ މަޝްވަރާ ކުރަމުން ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވެ އެވެ.

މިއީ އެއާޕޯޓު ހިންގާ ކުންފުނީގެ މަސައްކަތުގެ ބޭރުން އުފެއްދި ފުރަތަމަ ސަބްސިޑިއަރީ ކުންފުންޏެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ތެރެއިން ޕެނިންސިއުލާ ކުންފުނީގެ ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަަދު މިހާދު އެކަންޏެވެ.

އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުނި ޕެނިންސިއުލާގެ ޑިރެކްޓަރުން:

1- އިބްރާހިމް ޝަރީފު މުހައްމަދު (އެމްއޭސީއެލްގެ އެމްޑީ)

2- މުހައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެމްބަރު)

3- އަހުމަދު އަސްއަދު ހާޝިމް

4- ހުސައިން ރިޔާޒު

5- އަހުމަދު ސާނިއު

މި އުފެއްދި ބޭނުމެއް އަދި އޭގެ އެއްވެސް ތަފުސީލެއް އެމްއޭސީއެލް އިން ހާމައެއް ނުކުރެ އެވެ.

އެ މަޝްރޫއުތައް ހިންގުމަށް ޕެނިންސިއުލާ ކުންފުންޏާ ބައިވެރިވާނެ ޕާޓްނަރުން ހޯދަން މިހާރު ވަނީ އިއުލާނެއްް ވެސް ކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން، ޕެނިންސިއުލާގެ ބޭނުމަކީ އެ ކުންފުންޏަށް ފައިދާ ހުރި ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމެވެ.

އެ ކުންފުނިން މަޝްރޫއުތައް ހިންގާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވާ އެއް ދާއިރާ އަކީ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާ އެވެ. އެ ދާއިރާގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އެ ފަދަ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރާނެ ކަމަށް އެ ކުންފުނީގެ އިއުލާނުގައި ބުންޏެވެ.

ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލް އިން އާ ކުންފުންޏެއް އުފެއްދިއިރު މާކެޓު ރޭޓަށް ވުރެ މާ ބޮޑު އަގެއްގައި ޑްރެޖަރެއް ކުއްޔަށް ނަގައިގެން ގެންނަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަން އެނގިފައިވެ އެވެ.

ސަރުކާރުން ރަސްމާލެ ހިއްކުން ފުރަތަމަ ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ އެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދިގު މުއްދަތަށް ބިންތަކެއް ލިބޭ ގޮތަށް ފެށި މަސައްކަތް ހުއްޓި ފުރަތަމަ ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއަށްފަހު މަސައްކަތް މަޑުޖެހި، އެއްބަސްވުން ބާތިލުކުރަން ނިންމީ ސަރުކާރުންނެވެ.

މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމަށް، އެޗްޑީސީ އިން ބޮޑު ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އަދި ސީއެޗްއީސީ އާ އެވެ.