އަންނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިއަދު އެވެ. ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 673.9 މިލިއަން ޑޮލަރުގައި ކަމަށެވެ.
ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއި އިގްތިސޯދީ ކުރިއެރުމާ އެކު މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 848.6 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ސުކޫކާއި ބޮންޑު ދެއްކުމަށް ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެގޮތުން ބަޖެޓުގެ %62 ކަނޑައަޅާފައި ވަނީ ރިކަރަންޓް ހަރަދަށް ދާއިރު، ޒަމާންތަކަކަށް ފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުމަށް ބަޖެޓުކޮށްފައިވެ އެވެ.
އަންނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، 26.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ދަރަނި އަދާކުރުމަށް 12.9 ބިލިއަން ރުފިޔާ ދައްކަންޖެހޭއިރު، ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.
ބަޖެޓު ފައިނޭންސް ކުރުމަށް ފައިސާ ހޯދާފައިވާ ގޮތްތަކަށް ބަލާއިރު، ބޭރުގެ ލޯނާއި ބޮންޑު/ސުކޫކު އަދި މަލްޓިލެޓްރަލް ފައިނޭންސިންގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ހޯދުން ހިމެނެ އެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާ އެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވާ ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާގެ އިތުރުން، އެކުވެރި ގައުމުތަކަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުން ބަޖެޓު ސަޕޯޓަށް 300 މިލިއަން ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅާ، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

