ދިރާގުން ސަސްޓެއިނަބިލިޓީއަށް ދޭ އިސްކަމުގެ ދަށުން، މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފި އެވެ. އެ ގޮތުން، ޑީއެމްއާރްއާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ވަނީ 100 ޕަސެންޓް އޮފް-ސެޓްކޮށްފަ އެވެ.
މި އިސްނެގުމުގެ މަތިން، ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެCO₂ ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފަ އެވެ.
މިއީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެކެވެ. އަދި މިއީ، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މި ފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެކެވެ.
މި ހަރަކާތުގައި ބޭނުންކޮށްފައިވާ ސޯލާ ޕެނަލްތައް މި ހަރަކާތަށްފަހު ދެން ބޭނުންކުރާނީ ދިރާގުން މިހާރު ވެސް ކުރިއަށްގެންދާ ސޯލާ ޕްރޮޖެކްޓްތަކުގައެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ 95 ރަށެއްގައި ސޯލާ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. މިކަމުގެ ސަބަބުން އެ ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ 19 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި މީގެ ސަބަބުން ކޮންމެ އަހަރަކު 2،053 ޓަނުގެCO₂ ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެ އެވެ.
މީގެ އިތުރުން، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019ވަނަ އަހަރުން ފެށިގެން ޑީއެމްއާރްއާރްގައި ދުވުންތެރިންނަށް ހާއްސަ ވޯޓާ ސްޓޭޝަންތަކެއް މެދުވެރިކޮށް ފެން ވަނީ ފޯރުކޮށްދީފަ އެވެ. މި އިސްނެގުމުގެ ދަށުން، މި އަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކުރެވިފަ އެވެ.
ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.

