ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭ ގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދުނު މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ މިނިސްޓްރީން ފޮނުވި މިމައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރާ ގޮތަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށައެޅުމުން، އެމައްސަލަ ދިރާސާކުރަން ނުފެންނަ ކަމަށް 48 މެންބަރުންވަނީ ވޯޓު ދެއްވާފަ އެވެ. އެ މައްސަލަ ދިރާސާކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.
އެ ހުށަހެޅުން ފާސްނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.
"މި ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ،"ނަޝީދު ވިދާޅުވި އެވެ. "މި މަޖިލީހުގެ ނިޒާމު އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ، މިތަނަށް ހުށަހެޅި ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އަހަނީ. އިއްޒަތްތެރި މެމްބަރުން ވިސްނަވަން ޖެހޭނެ ކަންކަމުގައި އަމަލުކުރައްވާ އިރުގައި އެކަމަކުން ދެން ވެގެންދާނެ ގޮތް."
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާގޮތުގައި އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ މިިދިޔަ އަހަރުގެ އާމްދަނީއަށް ބަލާއިރު، 170 މިލިއަން ރުފިޔާ އެވެ. އެގޮތަށް ނަގާ ދަރަނި 91 ދުވަހުގެ ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަންޖެހޭ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް އިތުރުކޮށް ދިނުމަށް އެދިފަ އެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާ ގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ފިނޭންސުން މަޖިލީހުގައި އެދިފައިވެ އެވެ.