ޓޫރިސްޓުން އުފުލަން ވިލާ އެއާއިން ވެސް ސީޕްލޭން ދަތުރުތައް ފަށައިފި އެވެ.
ރާއްޖޭގައި މިވަގުތު ސީޕްލޭންގެ ހިދުމަތް ދެމުން އަންނަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މަންޓާ އެއާ އަދި މޯލްޑިވިއަން އެވެ. މީގެ ތެރެއިން ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ސީޕްލޭން ދަތުރުތައް މިދިޔަ މަހު ފެށީ ޓުވިން އޮޓާ މަރުކާގެ ދެ ބޯޓު ބޭނުން ކޮށްގެންނެވެ. މިއީ ޓީއެމްއޭ އަދި މަންޓާ، މޯލްޑިވިއަން އިން ވެސް ބޭނުންކުރާ މަރުކާގެ ބޯޓެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު "ހުރިހާ" އަށް ވިދާޅުވީ ވިލާ އިން ހިންގާ ސަން އައިލެންޑަށް އެ ދެ ބޯޓު ބޭނުންކޮށްގެން ފަސިންޖަރުން އުފުލަން ފަށާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެއާލައިން ފުޅާކުރުމުގެ ވިސްނުން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަތުރުތައް ކުރަނީ ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް ބޭނުންކޮށްގެން. އޮޕަރޭޝަން ވަރަށް އޮމާންކަމާއެކު ކުރިޔަށް އެބަދޭ،" ނާޝިދު ވިދާޅުވި އެވެ.
ވިލާ އެއާ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އެ ކުންފުނިން ކުރިން ބޭނުންކުރި ހަތަރު އޭޓީއާރު މަތިންދާ ބޯޓުގެ ތެރެއިން ދެ ބޯޓު ދޫކޮށްލައިފަ އެވެ. އެ ބޯޓުތަކުން މައިގަނޑު ގޮތެއްގައި ވިލާ އެއާއިން ދަތުރުކުރީ ބ. ދަރަވަންދޫ އަށާއި އެ އެއާލައިންގެ ބޭސް އދ. މާމިގިއްޔަށެވެ.
އެ ކުންފުނިން "ފްލައިމީ"ގެ ނަމުގައި އޭޓީއާރު 72 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން އޮޕަރޭޝަން ފެށީ އޮކްޓޯބަރު 1، 2011 ގަ އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މާލެ އިން ރިސޯޓުތަކަށް އުފުލަނީ ސީޕްލޭން ބޭނުންކޮށްގެންނެވެ.

