އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތައް ގިނަވަމުންދާއިރު، ދިރާގު "ނެޓްޕްރޮޓެކްޓް"ގެ އެހީގައި މި ފަދަ ސްކޭމްތަކުން ރައްކާތެރިކަން ހޯދިދާނެ އެވެ.
ދިރާގު "ނެޓްޕްރޮޓެކްޓް"އަކީ މޮބައިލް ފޯނުގެ އެސްއެމްއެސް، ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންކުރެވިދާނެ ހިދުމަތެކެވެ. ލިންކްއަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައި ވާ ނަމަ މި ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އެނގި އެ ވެބްސައިޓަށް ވަނުމުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭނެ އެވެ. މިގޮތުން، ދިރާގު "ނެޓްޕްރޮޓެކްޓް"ގެ އެހީގައި ނޮވެންބަރު މަހު އެކަނި ވެސް ނުވަ މިލިއަނަށް ވުރެ ގިނަ ސެކިއުރިޓީ ތްރެޓް ދެނެގަނެވި ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ވަނީ އެހީތެރިވެދީފަ އެވެ. އަދި، ދިރާގު ނެޓްޕްރޮޓެކްޓުން އޭއައިގެ އެހީގައި އިންޓަނެޓްގެ ތްރެޓްތައް ނުވަތަ ނުރައްކާތެރި ވެބްސައިޓްތަކުގެ މައުލޫމާތު އަބަދުވެސް ދާނީ އަދާހަމަ ކުރަމުންނެވެ.
މިއީ، ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރުމުގައި އެހީތެރިވެދޭ ހިދުމަތެކެވެ. މި ގޮތުން، މި ހިދުމަތުގެ އެހީގައި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓް، ކުދިންނަށް ރައްކާތެރި ނޫން ވެބްސައިޓުތައް ދެނެގަނެ، އެ ފަދަ ސައިޓުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރެވޭނެ އެވެ. އަދި، ވަކި ވެބްސައިޓުތަކަށް ވަދެވޭނެ ވަގުތުތައް ކަނޑައަޅައި، ބައެއް ވަގުތުތަކުގައި އެ ވެބްސައިޓުތައް ބްލޮކް ވެސް ކުރެވޭނެ އެވެ.
މި ހިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކަށް އެންމެ 35 ރުފިޔާއަށް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު އެންމެ 50 ރުފިޔާއަށް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. މިއީ، އިތުރު ސޮފްޓްވެއާއެއް ނުވަތަ އިތުރު އެޕްލިކޭޝަނެއް އިންސްޓޯލްކުރަންނުޖެހި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް https://netprotect.dhiraagu.com.mv މެދުވެރިކޮށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކުރެވޭ ހިދުމަތެކެވެ.
ދިރާގުން ދަނީ ރާއްޖެއަށް އެންމެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ހިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަޝަވަރުކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

