ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނި، މޯލްޑިވިއަން އިން އއ. ތޮއްޑޫ އަށް އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ދަނީ ގެއްލުމުގައި ވެސް ބޮޑެތި ހަރަދުތައް ކޮށްގެން ސަރުކާރަށް ކެމްޕޭން ކޮށްދެމުންނެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ ތޮއްޑު އަށް ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 އިން ފެށިގެން ކަމަށެވެ.
"ތޮއްޑޫ ހިމެނޭ ސަރަހައްދަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފައި. އެހެންވެ އަޅުގަނޑުމެން މި ނިންމީ އަންނަ މަހު ސީޕްލޭންގެ ހިދުމަތް ފަށަން،" އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ތޮއްޑު އަށް ބާއްވަން ނިންމާފއި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ. ކޮންމެ ދަތުރެއްގެ އަގަކީ 799ރ. އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބ. ކަމަދު އަށް ވެސް މޯލްޑިވިއަނުން ވަނީ ސީޕްލޭންގެ ދަތުރުތައް ފަށައިފަ އެވެ.
މީގެ އިތުރުން އއ. އުކުޅަަހާއި ނ. ވެލިދޫގައި ވެސް މި އަހަރު ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

