ރާއްޖޭގެ ގޭސް ސްޓޮކް މަދުވުމުގެ ސަބަބުން މޯލްޑިވް ގޭސް އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭސް އިން މި ބަދަލުތަކަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ފަހަކަށް މޯލްޑިވްސް ގޭހުން ވިއްކާ ގޭސް ލިބުން ދަތިވެ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ.
ރޯދަމަސް ބޯމަތިވެފައި ވަނިކޮށް، އެސްޓީއޯއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން، މޯލްޑިވް ގޭސްއަށް މިހާރު ގޭސް ފޯރުކޮށްދެމުން އަންނަނީ ގޭހުގެ ވިޔަފާރިކުރާ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިލާ ހަކަތައިންނެވެ. މޯލްޑިވް ގޭހަށް މިހާލަތު ކުރިމަތިވުމުން ވިލާ ހަކަތައިން ގޭސް ފޯރުކޮށްދޭން ފަށާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. މިއާއެކު ވިލާގެ ސްޓޮކަށް ވެސް ވަނީ ބާރު ބޮޑުވެފަ އެވެ.
ގޭސް ކޮންޓްރޯލް ކުރާ މިންވަރު މައުލޫމާތު އެނގޭ އޮފިޝަލަކު ބުނި ގޮތުގައި، ގޭސް ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު 10 ކިލޯގެ ސިލިންޑަރުތަކަށް އަޅައިދެނީ 7 ކިލޯގެ ގޭހެވެ. އަދި އެއަށް ވުރެ ބޮޑެތި ފުޅިތައް ވިއްކަމުންދަނީ 50 ޕަސެންޓު މަދުކޮށްގެންނެވެ.
މި ހާލަތާ ގުޅިގެން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ގޭހަށް ޖެހިފައި ނުވާ ކަމަށާއި މެނޭޖުކޮށްގެން ގޭސް ފޯރުކޮށްދެވޭ ކަމަށެވެ. ނަމަވެސް ސްޓޮކް ދަށްވުމުގެ ސަބަބުން ވިލާ ހަކަތައިން ގޭސް ގަންނަން ޖެހިފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ކުރިއަށް އޮތް ތަނުގައި އިތުރު ތާއްޓެއް އަޔަނުދިނުމުގެ ގޮތުން ވިލާ ހަކަތައިން ވަނީ ގޭސް ސްޓޮކް ޝިޕްމަންޓް އަވަސްކޮށްފަ އެވެ. މި ފިޔަވަޅާއެކު ގޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

