ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއާ އާދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރު މުހައްމަދު ރިޝްވާނެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ޤާއިމްކުރުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.
"ބައިނަލްއަގްވަމީ ހިދުމަތް ދޭ ޕޯޓް (އުތުރާއި ދެކުނުގައި) އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،" ސައީދު ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ރިޝްވާން ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ޤާޢިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ.
ރިޝްވާން ވިދާޅުވީ 2026 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، ސަރަހައްދީ ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށްވެސް ލިބޭނެ އުފަލަކާއި ހިތްހަމަޖެހުމަކަށްވާނެ އަތޮޅުތެރެއަށް މި އަންނަ ކާގޯގެ އަގު ހެޔޮކުރެވި، އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުމުން،" ރިޝްވާން ވިދާޅުވި އެވެ.
މި ހިދުމަތްތަކަކީ ދެކުނުގެ ސަރަހައްދުތަކުގެ ތަރައްޤީގައިވެސް އައްޑޫ ސިޓީން އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެކެވެ.

