މަސްވެރިކަން ދަށްވެފައި ވީނަމަ ވެސް ކުރިއަށް އޮތް ރޯދަމަހު އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި ރޯމަހާއި މަހުގެ އެހެން އުފެއްދުންތައް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން މިފްކޯ އިން މިއަދު ދީފި އެވެ.
ރޯދަމަސް ބޯމަތިވެފައިވާއިރު، މިދުވަސް ވަރު މަސްވެރިކަން ދައްކަމަށް މަސްވެރިން ބުނެ އެވެ. އެކަމުގެ ސަބަބުން ބާޒާރުން ވެސް މަސް ލިބުން އޮންނަނީ ދަތިކަކަށް ވެފަ އެވެ.
ކަން މިހެން އޮތް ނަމަވެސް މިފްކޯއިން ވަނީ ރޯދަމަހު މަސް ލިބުމުގައި އެއްވެސް ދަތިތަކެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީން ކަން ދީފަ އެވެ. އެގޮތުން ކުރިއަށް އޮތީ ރޯދަމަސް ކަން އެނގޭތީ އާންމުންނަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދިނުމަށް ދުރާލައި ވަރަށް ފުރިހަމައަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިދިޔަ މަހުން ފެށިގެން މަސްވެރިކަން ދައްވާން ފަށާފައިވާކަން ފާހަގަވެފައިވާއިރު، މަސްވެރިން މިފްކޯއަށް މަސްކިރުވި މިންވަރަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ބަލާއިރު މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނުގެ މަސް ކިރުވާފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 93 ޓަނަށް ވެއްޓިފަ އެވެ. އަދި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވާފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަސް ކަމަށް، އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިފްކޯއިން ބުނިގޮތުގައި އާންމުންގެ ބޭނުންތަކަށް ވާ ވަރަށް ސްޓޮކް މިވަގުތު އެބަހުއްޓެވެ. އަދި އެއްވެސް ބުރުލެއް ނާރައި މިފްކޯގެ ސެންޓަރުތަކާއި މަސް ފިހާރަތަކުން މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކުންފުނީގެ އޮޕަރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކަންކަން ވަނީ ތަރުތީބުކޮށްފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިފްކޯއިން ބުނީ ރައްޔިތުންނަށް މަސްލިބުން ދަތި ނުވާނޭ ގޮތަށް ބަލައިގެން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކާ އެކު ގާތުން މަސައްކަތްކޮށް، މަސްވެރިކަމަށް އަންނަ ބަދަލުތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަޅާނެ ކަމަށެވެ.
މިފްކޯއިން އެފަދައިން ބުނެފައިވީ ނަމަވެސް ކޮންމެ އަހަރަކު ވެސް މަސްވެރިކަން ދަށްވާ ދުވަސްވަރު މިފްކޯގެ މަސް ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވެ އެވެ. ޙާއްސަކޮށް ރޯދަމަހުގައި އެކަން އިތުރަށް ފާހަގަވާކަމަށް އާންމުން ބުނެ އެވެ.
އެހެން ނަމަވެސް، އެ ދަތިކަން ކުޑަކުރުމަށް އަަބަދުވެސް އެކި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެ އެވެ.

