ވިލާ ގްރޫޕުން ރ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓު، އެ އަތޮޅު މާނެންފުށީގައި ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާނެންފުށި ތަރައްގީކުރަން ވިލާއިން ހުށަހަޅާފައިވާ ކޮންސެޕްޓުގައި ވަނީ ބީޗު ވިލާތަކާއި ވޯޓާ ވިލާތައް ހިމެނޭހެން، ޖުމްލަ 42 ވިލާ އެވެ. އެއީ ތިން ވައްތަރެއްގެ އެއް ކޮޓަރީގެ 22 ބީޗު ވިލާ އާއި ދެ ކޮޓަރީގެ ތިން ބީޗު ވިލާ އާއި އެއް ކޮޓަރީގެ 15 ވޯޓާ ވިލާގެ އިތުރުން ދެ ކޮޓަރީގެ ވޯޓާ ވިލާއަކާއި ތިން ކޮޓަރީގެ ވޯޓާ ވިލާއެކެވެ.
އޭގެ އިތުރުން ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ދޭނެ ތަންތަނާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނެ ތަންތަން ވެސް ތަރައްގީކުރާނެ އެވެ.
މާނެންފުށި ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަނީ ވޯޓާ ވިލާތަކާއި ރިސޯޓުގެ ހިދުމަތް ދޭން ބޭނުންވާ، މުވައްޒަފުން ތިބޭ ތަންތަނާއި އިންޖީނުގެ ފަދަ ތަންތަނެވެ. ބީޗު ވިލާތައް ތަރައްގީކުރަނީ ދެވަނަ ފިޔަވަހީގަ އެވެ.
ވިލާގެ އަމާޒަކީ މި އަހަރުގެ ޑިސެމްބަރުގައި މި ރިސޯޓު ހުޅުވުމަށެވެ. މިއީ ވިލާގެ ހަ ވަނަ ރިސޯޓެވެ.
- ވިލާއިން މިހާރު ހިންގާ ރިސޯޓްތައް
- ވިލާ ނޯޓިކާ (ކުރިން ޕެރެޑައިސް އައިލެންޑް)
- ވިލާ ޕާކް (ކުރިން ސަން އައިލެންޑް)
- ވިލާ ހޭވަން (ކުރިން ހޮލިޑޭ އައިލެންޑް)
- ރޯޔަލް އައިލެންޑް
- ފަން އައިލެންޑް
ފަސް ރިސޯޓުގެ ތެރެއިން އެ ކުންފުނީގެ އެންމެ ފުރަތަމަ ރިސޯޓު، ފަން އައިލެންޑު ރިސޯޓް މަރާމާތު ކުރުމަށްޓަކައި ވަނީ ބަންދުކޮށްފަ އެވެ.

