ދިރާގުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ތީމްގެ އިތުރުން ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަން އިއުލާނުކޮށްފި އެވެ.

މި އަހަރުގެ ރަމަޝާންމަހު ދިރާގުން ދޭން ބޭނުންވާ މެސެޖަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގުޅުން ކަމަށެވެ.

" ދިރާގުން ދަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މި ގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން،"

"އެހެންކަމުން، މި ގުޅުންތަކަށް އިސްކަންދީ މި ރަމަޟާން މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން."

ދިރާގުން މިއަދު ލޯންޗުކުރި ހާއްސަ ޕްރޮމޯޝަންގައި ހިމެނޭ އޮފާތަކަކީ:

  • ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު: ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާނެ. އަދި ކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދެވޭ ޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅައިފައި.
  • ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހަށް ހިލޭ ޑޭޓާ، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހަށް ހިލޭ ޑޭޓާ. މި ޑޭޓާ ރޭގަނޑު 09:00 އިން ދަންވަރު 01:00އާ ދެމެދު ބޭނުންކުރެވޭނެ.
  • ހާރުދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް: ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 01:00 އިން ފަތިހު 4:00 އަށް 1 ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް މުޅިން ހިލޭ ލިބިގެންދާނެ.
  • ދިރާގު ލިމިޓެއްނެތް ފައިބާ އަށް ހިލޭ އަޕްގްރޭޑް: އިތުރު ޗާޖަކާ ނުލައި، މިހާރު ވެސް ދައްކަމުންދާ އަގުގައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް އަޕްގްރޭޑްކުރެވޭނެ. އަދި 2 މަސް ދުވަހަށް މި އަގުގައި ބޭނުންކުރެވޭނެ.
  • ސަޅި އާއިލާ މެދުވެރިކޮށް އާއިލާއާ ގުޅުން ބަދަހިކުރުން: 30ޖީބީއާ ހަމައަށް އާއިލާގެ 4 މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ.
  • ފުޑީސް ވައުޗަރ ހަދިޔާކުރުން: ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފުޑީސް ވައުޗަރު ހަދިޔާކުރެވޭނެ.
  • ޑޮނޭޓް އަ މީލް: ދިރާގުޕޭއިން މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭނެ.
  • ޑޮނޭޓް ޓު އަ ފެމިލީ: ދިރާގުޕޭއިން ރަމަޟާން މަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއަރ ބާސްކެޓް ހަދިޔާކުރެވޭނެ. ދިރާގުން މި ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހިތެރިކަން ފޯރުކޮށްދޭނެ.
  • ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގުޕޭ މެދުވެރިކޮށް، ދިރާގުޕޭ ނުވަތަ ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ.

ދިރާގުން ވަނީ މި އޮފަރތަކުގެ އިތުރުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ. މި ގޮތުން، މި އަހަރު ވެސް، އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އޮފާތަކާއި ހާއްސަ ހަރަކާތްތަކުގެ އިތުރުން، މި ޕްރެސް ކޮންފަރެންސް ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ އެކްސްކްލޫސިވް ޕްރިމިއާއަކުންނެވެ. ރާއްޖޭގެ މަޝްހޫރު އެކްޓަރުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ހީނަރުވެފައިވާ އާއިލީ ގުޅުމުގެ ސަބަބުން ޖީލުތަކަށް ކުރާ އަސަރުތަކާއި، އާއިލީ ގުޅުން އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމެވެ. މި ފިލްމު އާންމުންނަށް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގަ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.