ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނީގެ ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ނިންމައިފި އެވެ.
މިފްކޯގެ ހެޑް އޮފީހުގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައިވާ ގޮތުން، މިއީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
މި ނިންމުމާ އެކު، ކުރިން ހެނދުނު 8:00 އިން ހަވީރު 4:00 އަށް އޮތް ރަސްމީ މަސައްކަތު ގަޑި މިހާރު ވަނީ މެންދުރުފަހު 2:00 އަށް ކުރުކޮށްފަ އެވެ. މިފްކޯއިން ބުނި ގޮތުގައި މިއީ "ޚާއްސަ ހާލަތު" ގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ. ރަސްމީ ގަޑީގެ އިތުރުން މަސައްކަތުގައި ވަގުތު ހޭދަކުރަން ޖެހިއްޖެ ނަމަ، ދެން އަމަލުކުރަން ޖެހޭނީ އާ އުސޫލުތަކަކަށެވެ.
ކުންފުނިން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން، ރަސްމީ ގަޑީގެ އިތުރުން މަސައްކަތް ކުރަން ޖެހިއްޖެ ނަމަ "ބަންދު ގަޑީގައި މަސައްކަތް ކުރުމަށް އެދޭ ފޯމް" ފުރައި، އެ ދާއިރާއެއްގެ އެޗްއޯޑީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި އިތުރު ގަޑީގެ ފައިސާ ދިނުމުގައި ބަލާނީ، ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރުމަށް ފަހު އެއަށްވުރެ އިތުރުވާ ވަގުތަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މިފްކޯގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އަޅަން މަޖުބޫރުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް އަންނަ ހީނަރުކަމާ ގުޅިގެންނެވެ. އަދި މި ބަދަލުތައް ގެނައީ މުވައްޒަފުންނަށް ވީހާވެސް ދަތިނުވާނެ ގޮތަކަށް ވިސްނުމަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރަހައްދީ ގިނަ ގައުމުތަކަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކުރުމާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ މިފްކޯއިން މިފަދަ ފިޔަވަޅެއް މި އެޅީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

