މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށް ފަހު، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު އަގު މިއަދުން ފެށިގެން ކުއްލިއަކަށް ބޮޑުކޮށްފި އެވެ.

މިފްކޯ ފިހާރަތަކުން އަދި މިހާތަނަށް ބޮޑުކޮށްފައި ވަނީ ތެޔޮ މަސްދަޅު އެކަންޏެވެ. އެކަމަކު ކުރިޔަށް އޮތްތަނުގައި އެހެން ވައްތަރުގެ މަސްދަޅުތަކުގެ އަގު ބޮޑު ނުކުރާނެ ކަމަށް އެ ކުންފުނިން ނުބުނެ އެވެ.

ބޮޑު ގެއްލުމުގައި ހިންގާ މަސް ކުންފުނިން މިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އަންގައިގެން ވަނީ ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ އާއި ޕްރޮމޯޝަން ބަހައިފަ އެވެ.

މިފްކޯއިން ބުނީ އެ ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

މިފްކޯ އިން ކުރިން 17.5ރ. އަށް ކުރިން ވިއްކި ތެޔޮ މަސް ދަޅު ދެން ވިއްކަނީ 18.5ރ. އަށެވެ. މިއީ 1ރ.ގެ ބޮޑު ވުމެކެވެ.

ކުރިން 769ރ. އަށް ވިއްކި ތެޔޮ މަސްދަޅު ކޭހެއް މިހާރު ވިއްކަނީ 800ރ. އަށެވެ. މިއީ 40ރ. ގެ ބޮޑު ވުމެކެވެ.

މިފްކޯ އިން މި ބަދަލު ގެނައުމާއެކު މަސްދަޅެއްގެ އަގު 20ރ. އިން މައްޗަށް އަރާނެ އެވެ.

މިފްކޯގައި މިހާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް، މިއަދުން ފެށިގެން އެ ވަގުތު ވަނީ ހެނދުނު 8 އިން މެންދުރު 2 އަށް ކުރުކޮށްފަ އެވެ.