ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ހަނޑޫ އެސްޓީއޯގެ ސްޓޮކުން ހުސްވާން ކައިރިވުމުން، ހަނޑޫ ވިއްކުން އެ ކުންފުނިން ކޮންޓްރޯލް ކޮށްފި އެވެ.
އެސްޓީއޯ އިން އެޅި މި ފިޔަވަޅާ ގުޅިގެން މާލޭގެ ބައެއް ފިހާރަތަކުން މިހާރު ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަން އާންމުކޮށް ބަންދުކުރާ ގަޑިއަށް ވުރެ އަވަހަށް މިހާރު ބަންދުކުރެ އެވެ.
"އެސްޓީއޯ ގުދަނަށް ދިޔައިމަ ބުނަނީ މިހާރު ވިއްކެން އިނީ މަދުންނޭ،" ހަނޑޫ ގަންނަން ދިޔަ މީހަކު ބުންޏެވެ.
މާލޭގެ ބައެއް ފިހާރަތަކުން ބުނީ އެސްޓީއޯގެ ކާޑު ގުދަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ހަނޑޫ ލިބުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންވެ، ބައެއް ފިހާރަތަކުން ހަނޑޫ ލިބޭކަށް ވެސް ނެތެވެ.
މިކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ، ވޭތުވެދިޔަ ދެ ދުވަހު ވަކި ވަގުތުތަކެއްގައި ގުދަން ބަންދުކުރަން ޖެހުނީ އިންވެންޓްރީ ގުނުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އާންމުކޮށް ހުޅުވާފައި ހުންނަ ގަޑިތަކުގައި ގުދަން ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

