އިންޑިއާގެ ކޮޗިންއާއި ރާއްޖެ އާއި ފުރަތަމަ ކާގޯ ފެރީ ރޭ ފަތިހު ހދ. ކުޅުދުއްފުއްޓަށް ވަދެއްޖެ އެވެ.

ކޮޗިންއިން އައި ބޯޓުގައި ކަސްޓަމްސްގެ މިންގަޑުތަކަށް ފެތޭތޯ ބެލުމުގެ މަސައްކަތް އެމްޕީއެލް އާއި ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް ކުރާ ދަތުރުގައި އެ ބޯޓުން 500 ޓަނުގެ މުދާ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރޭގައި ސިމެންތިއާއި ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނައި ކަމަށް އެނގިފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ކޮޗިން އިން ފުރި މި ބޯޓުން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނާއި ދަނޑުވެރިކަމާ ގުޅޭ ސާމާނު ކުޅުދުއްފުއްޓަށް ބާލާނެ ކަމަށްވެ އެވެ. އެގޮތުން ކުޅުދުއްފުއްޓަށް ގިނަ އަދަދެއްގެ ސިމެންތި ބާލަން ހަމަޖެހިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ކުޅުދުއްްފުއްޓަށްފަހު ކާގޯ ފެރީ މާލެއަށް ވެސް އަންނަން ވަނީ ހަމަޖެހިފަ އެވެ. މާލެއަށް ވެސް ސިމެންތިއާއި ކޮންސްޓްރަކްޝަން ސާމާނާއި ކާބޯތަކެއްޗާއި މެޝިނަރީ ގެނައުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މާލެއަށް ޕީވީސީ ޕައިޕް ގާޑެން ޕޮޓްސް ވެސް މާލެއަށް ގެނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2- 3 ދަތުރު ކުރާނެ ކަމަށެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކާގޯފެރީ އަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރި ކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެކެވެ. އެހެންވެ އެ ބޯޓުން މުދާ ބަރުކޮށް، ބޭލުމަށް ހަމަޖެހިފައި ވަނީ ބާޖެއް ނޫނީ ޓަގެއް ބޭނުންކޮށްގެންނެވެ.

"އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ބޯޓެކެވެ. މި ބޯޓުގެ ލޯކަލް އެޖެންޓަކީ ސްޓޭޓް ޝިޕިން ކޮމްޕެނީ އެވެ.

އެ ކުންފުނިން ބުނީ ކުރިއަށް އޮތް ހަ މަސްދުވަހު ވެސް ކޮޗިންއާއި- ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާނީ މި ކާގޯ ފެރީ ކަމަށެވެ.