ރާއްޖޭގެ މާކެޓަށް ސީއެފް މޮޓޯގެ އެންމެ ފަހުގެ ޒަމާނީ ސައިކަލުތައް ތައާރަފުކުރަމުން އަންނަ މޮޓޯއެކްސް މޯލްޑިވްސް އިން، ސީއެފް މޮޓޯ ބްރޭންޑްގެ އައުރާ 150 މޮޑެލްގެ ސައިކަލް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
މޮޓޯ އެކްސް މޯލްޑިވްސް އިން ބުނިގޮތުގައި، އަލަށް ތަޢާރަފުކުރި މި އާ މޮޑެލް އަކީ މިޒަމާނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ، ބަލާލަން ހިތްގައިމު ސައިކަލެކެވެ. މި ސައިކަލުގެ ސީޓުގައި ބޭނުންކޮށްފައިވަނީ އެންމެ ޕްރީމިއަމް ކޮލިޓީގެ ލެދަރު ކަމަށް ވާތީ، މިއީ ދުއްވާލަން ފަސޭހަ އަދި އަރާމު ސައިކަލަކަށް ވެގެންދާނެ ކަމަށް މޮޓޯ އެކްސް އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ޓެކްނޮލިޖީގެ ގޮތުން ބަލާއިރު، އައުރާ ސައިކަލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިއީ ތަޅުދަނޑި ނުވަތަ ރިމޯޓެއްގެ ބޭނުން ނުކޮށް ސްޓާޓް ކުރެވޭ ސައިކަލަކަށް ވުން ކަމަށެވެ. އަދި މި ސައިކަލް ސްޓާޓްކުރުމަށް ބޭނުންކުރަނީ އެންއެފްސީ ޓެގެއް ކަމަށް ވެސް މޮޓޯ އެކްސް އިން ބުނެ އެވެ.
މީގެ އިތުރުން، ރައްކާތެރިކަމަށް އިތުރަށް އިސްކަންދޭން ކަސްޓަމަރުން ބޭނުންނަމަ، މި ސައިކަލްގައި ޑޭޝް ކެމެރާ އަދި ރިއާ ކެމެރާ ހަރުކުރުކުރުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މޮޓޯ އެކްސް އިން ބުނީ މި ސައިކަލަކީ ދަތުރުފަތުރުކުރުމުގެ ފަސޭހައަށް ބަލައިގެން ފަރުމާކުރެވިފައިވާ ސައިކަލެއް ކަމަށެވެ. އެގޮތުން، ސައިކަލުގެ ސީޓު ދަށުގައި އެއްފަހަރާ ދެ ހެލްމެޓް ބޭއްވޭނެ ތަނަވަސް ޖާގައެއް އޮންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މިއީ އާންމުކޮށް ބޭނުންކުރާ ސައިކަލުތަކާ އަޅާބަލާއިރު ލިބިގެންދާ ބޮޑު ފަސޭހައެކެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސައިކަލަކީ ރާއްޖޭގެ މަގުތަކާ ގުޅޭ، ހިތްގައިމު ސައިކަލެއް ކަމަށް މޮޓޯ އެކްސް އިން ބުނެ އެވެ. މި ސައިކަލާ ބެހޭ އިތުރު މައުލޫމާތު މޮޓޯ އެކްސް ހުޅުމާލެ ޝޯރޫމުންނާއި ސޯޝަލް މީޑިއާ ޕޭޖުތަކުން މިހާރު ލިބެން ހުންނާނެ އެވެ.

