މި މަސް ނިމޭ ހިސާބުގައި ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްއިން ޑޮލަރު ދޫކުރަންޖެހޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ބޭންކުން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ވަކި ވަރަކަށް ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން، ރައީސް ވިދާޅުވީ ބީއެމްއެލްއަށް މާލީ ގޮތުން ދިމާވި ގޮންޖެހުންތަކެއްގެ ސަބަބުން މިފަދަ ފިޔަވަޅުތަކެއް އަޅަން އެ ބޭންކަށް މަޖުބޫރުވީ ކަމަށެވެ.
އާންމު ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ނަހަމަގޮތުގައި ބޭނުންކުރާތީ އެކަން ހުއްޓުވަން ބީއެމްއެލް އިން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެެވެ.
ކާޑުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ބޭންކުގައި ހުރި މަދު ބޭރު ފައިސާގެ ބޮޑު ބައެއް ހޭދަވަނީ ނިސްބަތުން ވަރަށް މަދު ބައެއްގެ ބޭނުންތަކަށް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެހެންކަމުން، ބޭންކަށް ލިބޭ ޑޮލަރު ގިނަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އޮންލައިން ސައިޓްތަކުން ވިޔަފާރިކުރަން ދޫކުރާ ޖުމްލަ ޑޮލަރުގެ އަދަދު ދުވަހުން ދުވަހަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ހިފަހައްޓަން ނިންމީ ކަމަށް ބޭންކުން ބުންޏެވެ.

