ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއްގެ ގަންނަ އަގު މިއަދު ބޮޑުކޮށްފި އެވެ.
މިފްކޯއިން ކޮންމެ ދުވަހަކުވެސް އާންމުކުރާ މަސްގަންނަ އަގުތަކުގެ ތަފުސީލަށް ބަލާއިރު، އިއްޔެ އެ ކުންފުނީގެ ހުރިހާ ބަނދަރަކުން ކަޅުބިލަމަސް ކިލޯއެއް 17 ރުފިޔާއަށް ގަތް ނަމަވެސް، މިއަދު އެ އަގު ވަނީ 18.50 ރުފިޔާއަށް މަތިކޮށްފަ އެވެ.
މިއީ މަސްވެރިކަމުގެ ބާޒާރުގެ ހާލަތަށް ރިއާޔަތްކޮށް ގެނައި ބަދަލެކެވެ.
މި ބަދަލާ ގުޅިގެން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، މިއީ ދާއިމީކޮށް ވަކި އަގަކަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. މިދުވަސްވަރު މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ދަށްވެފައިވާތީ، މާދަމާ ވެސް މަސް ލިބޭ މިންވަރަށް ބަލައި އަގުތަކަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ބާޒާރު ކިތަންމެ ބަދަލުވި ނަމަވެސް މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.
ކަޅުބިލަމަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދުފުޅެކެވެ. ކަޅުބިލަމަހުގެ އަގަށް ބަދަލުއައި ނަމަވެސް، ބޮޑުކަންނެލި ގަންނަ އަގުތައް ހުރީ އިއްޔެއާ އެއްވަރެއްގަ އެވެ. އެގޮތުން 10 އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މިދުވަސްވަރު މަސްވެރިކަން ދަށްވުމުގެ އަސަރު މަސްވެރިންގެ އާމްދަނީއަށް ވެސް ވަނީ ކޮށްފަ އެވެ.

