ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު މިއަދު އަނެއްކާވެސް ބޮޑުކޮށްފި އެވެ.
ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިފްކޯގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް ގަތީ 17 ރުފިޔާއަށެވެ. ނަމަވެސް އެންމެ ފުރަތަމަ މިދިޔަ އާދިއްތަ ދުވަހު ވަނީ ކަޅުބިލަމަސް ކިލޯއެއް މިފްކޯއަށް ގަންނަ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން އެ ދުވަހު ކިލޯއެއް ގަތީ 18.50 ރުފިޔާއަށެވެ.
އަނެއްކާ ވެސް މިއަދު މިވަނީ އެ އަދަދު 20 ރުފިޔާއަށް ބޮޑުވެފަ އެވެ.
މިއީ މަސްވެރިކަމުގެ ބާޒާރުގެ ހާލަތަށް ރިއާޔަތްކޮށް ގެނައި ބަދަލެކެވެ. މި ބަދަލާ ގުޅިގެން މިފްކޯގެ އޮފިޝަލަކު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވީ، މިއީ ދާއިމީކޮށް ވަކި އަގަކަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. މިދުވަސްވަރު މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ދަށްވެފައިވާތީ، މާދަމާ ވެސް މަސް ލިބޭ މިންވަރަށް ބަލައި އަގުތަކަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ބާޒާރު ކިތަންމެ ބަދަލުވި ނަމަވެސް މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުވާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފަ އެވެ.
ކަޅުބިލަމަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދުފުޅެކެވެ. މިދުވަސްވަރު މަސްވެރިކަން ދަށްވުމުގެ އަސަރު މަސްވެރިންގެ އާމްދަނީއަށް ވެސް ވަނީ ކޮށްފަ އެވެ.

