ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތް ހިންގައިގެން ކޮންމެ ހަފްތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް (ހަތް ހަފްތާއަށް) ކުރިއަށް ދާނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަންޖެހެ އެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެ އެވެ.
އެގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި، ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި، ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި ޕްރޮމޯޝަން ފަށާފައި ވާއިރު ބީއެމްއެލްއިން ޑޮލަރު ދޫކުރަންޖެހޭ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ބޭންކުން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ވަކި ވަރަކަށް ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. ނަމަވެސް މި މަސް ނިމޭ ހިސާބުގައި ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ އެއްވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

