ގައުމީ ބޭންކް ބީއެމްއެލް އިން "އިންވެސްޓްމަންޓްސް" ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް މިއަދު ހަދައިފި އެވެ.
"އިންވެސްޓްމަންޓްސް ބައި ބީއެމްްއެލް" ގެ ނަމުގައި ފެށި މި ހިދުމަތް ރަސްމީކޮށް އިއުލާނުކުރެއްވީ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ހެނދުނު ހޮޓެލް ޖެންގައި ނޫސްވެރިންނާ އެކު ބޭއްވި "ޗެޓު ވިތު ސީއީއޯ" ބައްދަލުވުމުގަ އެވެ. ބޭންކުގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އިތުރު އިންވެސްޓަރުން ހޯދުމުގެ މަގުސަދުގައި ތައާރަފުކުރި މި ހިދުމަތާއެކު، ކޮންމެ މީހަކަށް ވެސް ބޭންކުގައި ޑޮލަރު އިންވެސްޓުކޮށްގެން ބޮޑު ފައިދާއެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.
މިއަދުން ފެށިގެން މި ހިދުމަތް ބޭނުންކުރަން ފެށޭއިރު، އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިންޓަނެޓް ބޭންކިންގައި ގާއިމްކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ފަސޭހަކަމާއެކު މި މުއާމަލާތް ކުރިއަށް ގެންދެވޭނެ އެވެ.
ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، މި ޕްލެޓްފޯމް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރާ ކަސްޓަމަރުންނަށް 25 ޕަސެންޓްގެ ބޮޑު ޕްރޮފިޓެއް ނުވަތަ ފައިދާއެއް ލިބިގެންދާނެ އެވެ. އަދި އިންވެސްޓްކުރާ ދުވަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ ކަސްޓަމަރުގެ އެކައުންޓަށް ވަގުތުން ޖަމާކޮށްދޭއިރު، މުއާމަލާތް މުޅިން ފުރިހަމަވުމުން އެއަށް ލިބޭ ފައިދާ ވެސް އެކައުންޓަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
މި ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ އަދަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ދަނީ ވިއްކަމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންނެވެ. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މިއާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

