ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާގެ އިތުރު ވުމެކެވެ.
ސަރުކާރުން މިއަހަރުގެ ގޮތުގައި ލިވޭނެ ކަމަށް އަންދާޒާކުރީ 21 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނީ 6.3 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ލިބިފައި ވަނީ 6.8 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަކީ 5.4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ހިލޭ އެހީއަށް ލިބިފައިވަނީ 69 މިލިއަން ރުފިޔާ އެވެ.
ކޮވިޑު-19އިގެ ސަބަބުން ސަރުކާރު ހިންގުމުގެ ހަރަދުތަކުން ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ސަރުކާރު ހިންގަން މިހާތަނަށް 34 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. މިހާތަނަށް 9.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހޭދަ އުޅެނީ 9.8 ބިލިއަން ރުފިޔާގަ އެވެ. މިހާތަނަށް މުސާރަ ދޭން 3.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މުސާރައިގެ ހޭދަ އުޅެނީ 3.3 ބިލިއަން ރުފިޔާގަ އެވެ.