ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026' (ޑީއެމްޖީސީ 2026)ގެ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ރޮކެޓް ލީގު ކޮލިފަޔަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ގޮތުން، މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގަ އެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެ އެވެ. ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔަރތަކުން ކުރިހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި މުބާރާތުގެ އެމްއެލްބީބީ ކޮލިފަޔަރގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 13 އޯގަސްޓްގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވައިލައިފަ އެވެ. މި ކޮލިފަޔާގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 10,000 ރުފިޔާ ކަނޑައަޅައިފައިވާއިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ، ރަނަރ-އަޕް އަށް 3,000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 2,000 ރުފިޔާ ލިބިގެންދާނެ އެވެ.
މުބާރަތުގެ ރޮކެޓް ލީގު ކޮލިފަޔަރގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 13 އޯގަސްޓްގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވައިލައިފަ އެވެ. މި ކޮލިފަޔާގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 5,000 ރުފިޔާ ކަނޑައަޅައިފައިވާއިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 2,500 ރުފިޔާ، ރަނަރ-އަޕް އަށް 1,500 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 1,000 ރުފިޔާ ލިބިގެންދާނެ އެވެ.
އަދި، ޕަބްޖީގެ ކޮލިފަޔާގެ ރެޖިސްޓްރޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓު ގަ އެވެ. މި ކޮލިފަޔަރއާ ބެހޭ އިތުރު ޑީޖީޖީއިން ވަރަށް އަވަހަށް އިއުލާނުކުރާނެ އެވެ.
މި ކޮލިފަޔާތަކުގައި ބައިވެރިވެ މި ވަރުގަދަ މުބާރާތުގައި ހުނަރި ދައްކާލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ގޭމް ކުޅުންތެރިއަކަށް ވެސް މިހާރު މި ވަނީ ހުޅުވިގެންގޮސްފައެވެ. އަދި ބައިވެރިވުމަށް އެއްވެސް ފީ އެއްވެސް ދައްކާކަށް ނުޖެހޭނެ އެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެ އެވެ.

