ސަރުކާރުގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ރިސޯޓު ހިންގަން ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީ ކުންފުންޏަށް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތް ނުހުއްޓި، ކުންފުނީގެ ހިއްސާ ޑައިލިއުޓްކޮށްގެން އެކަން ކުރެވޭނެ އާ ގޮތްތަކެއް ހޯދަމުންދާކަން އެނގިއްޖެ އެވެ.
މި މުއާމަލާތާ ދެކޮޅު ހެއްދެވި އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިޔާޒު މަގާމުން ވަކިކުރުމަށްފަހު، އެ މަގާމަށް ހާރިސް މުހައްމަދު ވަނީ އައްޔަންކުރައްވާފަ އެވެ. ކުންފުނީގެ ހިއްސާގެ މިލްކުވެރިކަން ވިއްކާލަން ނޫޅޭކަމަށް އެމްޓީޑީސީން ބަޔާނެއް ނެރުނު ނަމަވެސް، މި މުއާމަލާތް ކުރިއަށްގެންދިއުމުގެ މަސައްކަތް އަދިވެސް ދަނީ ހިނގަމުންނެވެ.
އަޔާޑާ މޯލްޑިވްސްގެ ނަމުގައި ރިސޯޓު ހިންގަމުން އަންނަ ގދ. މަގުއްދުވާގެ ހެޑް ލީސް ވިއްކާލުމަށް ބޯޑުގެ ބައެއް ޑިރެކްޓަރުން ދެކޮޅު ހައްދަވަމުންދާތީ، މިހާރު ރާވަމުންދަނީ ކުންފުނީގެ އިތުރު ހިއްސާ ދޫކޮށްގެން ހިއްސާގެ ޖުމްލަ އަދަދު އިތުރުކުރުމަށެވެ. ކުންފުނީގެ ހިއްސާ ޑައިލިއުޓް ކުރުމުން މިހާރު ތިބި ކޮންމެ ހިއްސާދާރެއްގެ އަތުގައިވާ ހިއްސާގެ އިންސައްތަ ކުޑަވެގެންދާނެ އެވެ.
އެމްޓީޑީސީގައި މިހާރު ސަރުކާރުގެ އޮންނަނީ 48 ޕަސެންޓް ހިއްސާ އެވެ. ކުންފުނީގެ ހިއްސާގެ މާ ބޮޑު މާލީ އަގެއް ނޯންނާތީ، އާންމު ހިއްސާދާރުން އިތުރު ހިއްސާ ނުގަންނާނެ ކަމަށް ބަލައި އިތުރުކުރާ ހިއްސާތައް ސަރުކާރުން ގަނެގެން ކުންފުނީގެ މެޖޯރިޓީ ސަރުކާރަށް ނެގުމަށް ވަނީ ރޭވިފަ އެވެ.
އެމްޓީޑީސީން މަގުއްދުވާގެ ހެޑް ލީސް ވިއްކާލަން އުޅެނީ އެއް މިލިއަން ފަސް ލައްކަ އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އެ ރަށުގެ ސަބްލީސް އެއްބަސްވުމުގެ ދަށުން ކޮންމެ ކުއާޓަރަކު އެއް މިލިއަން ދެ ލައްކަ ޑޮލަރު އެމްޓީޑީސީއަށް ލިބެން އޮއްވާ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޅި ހެޑް ލީސް ކުޑަ އަގެއްގައި ވިއްކާލުމަކީ ކުންފުންޏަށް ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމެކެވެ.

