އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް މިފަހަރު ވެސް 60 ލާރި ބަހަން ނިންމައިފި އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު ވެސް އެމްޓީޑީސީއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 60 ލާރި އެވެ. ހިއްސާދާރުންނަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހާނެ އެވެ.
ރޭގެ ޖަލްސާގައި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފައިވެ އެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓު ވެސް ފާސްކުރި އެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 28،350 ދިނުމަށް ވެސް މި ޖަލްސާގައި ނިންމި އެވެ.
އެމްޓީޑީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ދެ މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 1.9 މިލިއަން ޑޮލަރާއި އަޅާބަލާއިރު 6.5 ޕަސެންޓް އިތުރު އަދަދެކެވެ.
ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.
އެމްޑީޓީސީ އަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ. އެމްޓީޑީސީ އަށް އާމްދަނީ ލިބެނީ ޓޫރިޒަމްގެ ބޭނުންތަކަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދީގެންނެވެ.

